ޚަބަރު

ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އޮތް މިންވަރު ދެނެގަތުމައްޓަކައި އިންޑިއާއި ގުޅިގެން ސަރވޭއެއް ހަދަނީ


ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އޮތް މިންވަރު ދެނެގަތުމަށްޓަކައި އިންޑިއާއި ގުޅިގެން ސަރވޭއެއް ހިންގުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ އިންޑިއާއި ރާއްޖެއާއި ދެމެދު ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ފުރަތަމަ ޖޮއިންޓް ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ ވޯކިންގ ގުރޫޕުގެ ފުރަތަމަ ބައްދަލުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ، މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުއްސަމަދު ޢަބްދުﷲއެވެ. އަދި އިންޑިއާގެ ފަރާތުން މަޝްވަރާތަކުގައި އިސްބޭފުޅަކަށް ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ސެކްރެޓަރީ ޕްރިތީ ސުދާންއެވެ.

މެމޮރަންޑަމް އޮފް އަންޑަރސްޓޭޑިން އިން ދަ ފީލްޑް އޮފް ހެލްތު ގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި ޢާއްމު ސިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ނަފްސާނީ ބަލިމަޑުކަން އިތުރުވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމަށް އެކަށޭނަ ހައްލެއް ހޯދުމަށް ރާއްޖޭގައި މިހާރު ނަފްސާނީ ބަލިމަޑުކަން އޮތް މިންވަރު ދެނެގަތުމައްޓަކައި އިންޑިއާއި ގުޅިގެން ސަރވޭއެއް ހެދުމަށް ވަނީ އެއްބަސްވެފައެވެ. އަދި މި ސަރވޭގެ އަލީގައި މި ބަލިމަޑުކަމަށް ފަރުވާ ހޯދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް އިންޑިއާއިން އެހީވެދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިކަމަށް އެކަށޭނަ ތަޖުރިބާކާރުން ރާއްޖޭގައި ފަރުވާދިނުމަށް ގެނެސް ދިވެހިން މިކަމަށް ތަމްރީނުކުރުމަށްވެސްވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ރަނގަޅު ބްރޭންޑުތަކުގެ ބޭސް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފެށުމާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ބޭސްތައް ޓެސްޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާދިނުމަށް ރާއްޖޭގައި އިންޑިއާ ސަރުކާރުން ޤާއިމުކުރާ ހޮސްޕިޓަލްގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރިން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައިވަނީ، ދިވެހިންނަށް ހެޔޮ އަގުގައި ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އިންޑިއާގެ "އަމްރިތު" ކުންފުންޏާއި ދެމެދު ޤާއިމުކުރާ އެއްބަސްވުމުގެދަށުން ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަން ފާހަގަކުރައްވާފައި.