ވިޔަފާރި

ރެމިޓަންސް ޓެކްސް ބަޔާން މިމަހު 15ގެ ކުރިން ހުށައަޅަންޖެހޭ


މިއަހަރުން ފެށިގެން ރެމިޓަންސް ޓެކްސް ނެގުން ހުއްޓާލާފައިވާއިރު، މިދިޔަ އަހަރުގެ އެންމެ ފަހު ރެމިޓަންސް ޓެކްސް ބަޔާން މިމަހުގެ 15 ވަނަ ދުވަހު މީރާއަށް ހުށައަޅަންޖެހޭނެކަމަށް މީރާއިން ވިދާޅުވެއްޖެއެވެ.

އިންކަމް ޓެކްސްގެ ޤާނޫނާއެކު ބައެއް ޤާނޫނުތައް އުވި، މީރާއިން ނަގަމުންދިޔަ ބައެއް ޓެކްސްތައް ވަނީ އުވާލާފައެވެ. އޭގެތެރޭގައި ހިމެނޭ އެއް ޓެކްސްއަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ރެމިޓަންސް ޓެކްސްއެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރެމިޓެންސް ޓެކްސް ނެގުން ހުއްޓާލާނެކަމަށް މީރާއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް ކޯޕަރޭޓް ބިޒްނަސް މޫސާ ހަލީމް ވިދާޅުވީ، ޑިސެމްބަރުމަހު ނަގާފައި ހުރި ރެމިޓަންސް ޓެކްސް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓެކްސް ބަޔާނާއެކު މީރާއަށް ދައްކަންޖެހޭނެކަމަށެވެ.

"ރެމިޓަންސް ޓެކްސްގެ ދަށުން ޓެކްސް ނަގަނީ ބެންކުތަކާއި މަނީ ޓްރާންސްފަރ އެޖެންސީތަކުން މަނީ ޓްރާސްފަރ ކުރާ ވަގުތުގައި ނަގާފަ މީރާއަށް ގެނެސްދެނީ. 1 ޖަނަވަރީގެ ފަހުން އެ ޓެކްސް ނަގާކަށް ނުޖެހޭނެ. އެހެންނަމަވެސް ޑިސެމްބަރުމަހު ނަގާފައިހުރި ޓެކްސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓެކްސް ބަޔާނާއިއެކު މީރާއަށް ދައްކަންޖެހެނީ." މޫސާ ހަލީމް ވިދާޅުވިއެވެ.

ރެމިޓަންސް ޓެކްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަނީ ޓްރާންސްފާ އެޖެންސީއެއް ނޫނީ ބޭންކެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ޓެކްސްއެކެވެ. މި ޓެކްސް އުވާލަން ނިންމީ، މި ޓެކުހުގެ ސަބަބުން ބޭންކުގެ ބޭރުން ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެފައިވާތީއެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކާއެކުއެވެ. 2018 ވަނަ އަހަރު މި ޓެކުހުން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 101 މިލިއަން ރުފިޔާ އެވެ. އަދި 2019 ވަނަ އަހަރު ލިބިފައިވަނީ 102 މިލިއަން ރުފިޔާއެވެ.