ކުޅިވަރު

މޮޅުވިޔަސް ފަރުވާތެރިވާންޖެހޭ: ގާޑިއޯލާ


އިނގިރޭސި ލީގު ކަޕުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވި ނަމަވެސް އެ ޓީމާމެދު ފަރުވާ ކުޑަކޮށްލައިގެން ފަރުނުޖެހޭނެ ކަމަށް މެންޗެސްޓާ ސިޓީއިން ބުނެފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި މުހިންމު ދެ ފޯވަޑުން ކަމަށްވާ ސާޖިއޯ އަގުއެރޯ އާއި ގަބްރިއަލް ޖެސޫސް ނެތި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 38 މިނިޓް ތެރޭގައި ސިޓީން ތިން ގޯލު ޖެހި އެވެ. ފުރަތަމަ ގޯލު ޖެހީ ރިޔާދް މާރޭޒް އެވެ. ދެ ވަނަ ގޯލު ޖެހީ ކެވިން ޑެބްރޫނޭ އެވެ. ތިން ވަނަ ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ 70 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ ބަލިވީ ޔުނައިޓެޑް އަތުންކަން ހަނދާންކޮށްލުމަށެވެ.

"ރަނގަޅު އަހަރުމެން އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް އަތުން ބަލިވީ. އެއީ ގޭމް ކޮންޓްރޯލް ނުކުރެވިގެން. އެކަމަކު މި މެޗުގައި އަހަރުމެން އެކަން ކުރިން. ކޮންޓްރޯލް އެމީހުންނަށް ލިބޭ ކޮންމެ ވަގުތަކު އެމީހުން ވަރަށް ނުރައްކާ. އެމީހުން ގޯލު ޖެހީ އެފަދަ ވަގުތެއްގައި. އަހަރުމެންނަށް މި ނަތީޖާ ލިބުނަސް އަދި އެއްމެޗު އޮތްކަން ހަނދާންކުރަންޖެހޭ. އަދި ޔުނައިޓެޑުން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކަޓުވާލީ ފުރަތަމަ ލެގުގައި ބަލިވެފައި އޮއްވައި. ވީމާ އަހަރުމެން ފަރުވާތެރިވާންޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ އޭނާގެ ޓީމަށް ސިޓީ ކުޅުނު ގޮތުން ގޭމުގެ ތެރެއަށް ވަދެވުނީ ފަހުހާފުގައި ކަމަށެވެ.

"ފުރަތަމަ ގޯލުގައި އަހަރުމެން ކުރާނެ އެއްވެސް ކަމެއްނެތް. އެކަމަކު ދެ ވަނަ ގޯލާއި ތިން ވަނަ ގޯލު އެއީ އަހަރުމެންނަށް ހެދުނު ގޯސްތަކެއް،" ސޮލްޝަޔާ ބުންޏެވެ. އޭނާ އަދި ބުނީ މި ނަތީޖާގެ ސަބަބުން ޔުނައިޓެޑުން ހިތްވަރު ހޯދަންޖެހޭނީ މިދިޔަ ސީޒަނުގެ ޕީއެސްޖީގެ މެޗުން ކަމަށެވެ.