ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމާއި ގުޅޭ އިތުރު ދިރާސާތައް ކުރުމަށް އެންވަޔަރަންމެންޓް މިނިސްޓްރީގެ ޓިމެއް ނ. މާފަރަށް ޒިޔާރަތްކޮއްފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގެ ޓީމެއް މާފަރަށް ގޮސްފައި މިވަނީ، މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އީ.ޕީ.އޭއިން ލަފާދީފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅޭގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ވަނީ، އެ މިނިސްޓްރީގެ ޓީމެއް މާފަރަށް ގޮސްފައި ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނިންމި ނިންމުން ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނަށް އިސްތިއުނާފު ކުރުމާ ގުޅިގެންކަމަށެވެ.
މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުންބެލުންކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވިދާޅުވިއެވެ. މި ދަތުރުގައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫޢުގެ މަޢުލޫމާތު އޮޅުންފިލުވުން ހިމެނެއެވެ. މި ދަތުރަށްފަހު އެންވަޔަރަންމެންޓް މިނިސްޓްރީން ފަންނީ ރިޕޯޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރ މިކަމުގައި ނިންމެވިގޮތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގާނެއެވެ. މިނިސްޓަރ މިކަމުގައި ނިންމަވާގޮތް ތަންފީޒުކޮށްދެއްވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ. މި މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގައެވެ.
އީ.ޕީ.އޭއިން މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމާ ގުޅޭގޮތުން ހަދާފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ވާގޮތުން އެމަޝްރޫޢުގެ ސަބަބުން ރަށުގެ ތިމާވެށްޓާއި ޤުދުރަތީ ދިރުންތަކަށް ލިބިދާނެ ގެއްލުންތައް ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ.
އެގޮތުން އެއަރޕޯޓު ފުޅާކުރުމަށް ރަށުތެރޭން 8.7 ހެކްޓަރުގެ ބިން ބޭނުންކުރަންޖެހޭއިރު، އެ ސަރަޙައްދު ބޭނުންކުރުމަށްޓަކާ 4.8 ހެކްޓަރުގެ ބިމުން ގަސްކަނޑާ ސާފުކުރަންޖެހޭކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ރަށު ތެރެއިން އިތުރަށް ބޭނުންވާ ބިމުގެ ތެރޭގައި މީހުންނަށް ދޫކޮށްފައިވާ ގޯތި ހިމެނޭކަމަށާއި، އެ ސަރަޙައްދުގެ %45އަކީ ގަސްގިނަ ސަރަޙައްދެއްކަންވެސް މި ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ސަރަޙައްދުގައި އެކަނިވެސް 678 ރުއްގަސް ހުރިކަމަށް އީ.ޕީ.އޭއިން ހެދި ރިޕޯޓުގައި ވެއެވެ.
އަދި މާފަރަކީ ޢާއްމުކޮށް ވެލާ އަރާ ރަށެއްކަމަށާ، ރަންވޭ ފުޅާކުރުމަށްޓަކާ ހިއްކަން ރާވާފައިވާ ސަރަޙައްދުގައި މޫދުވިނަތަކުގެ ތެރޭގައި ވެލާ އުޅެމުންދާކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އަދި މި މަޝްރޫޢުގެ ސަބަބުން 9000 ގަހަށް ނޭދެވޭ އަސަރުކުރާނެކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 1100 ރުއް ހިމެނޭކަމަށް އީ.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި މިހާރު މީހުންނަށް ދީފައިހުރި ބިން ރަށުގެ އުތުރު ފަރާތަށް ބަދަލުކޮށްފިނަމަ، އިތުރަށް ރުއްގަސް ނަގަންޖެހިދާނެކަމަށާއި، މިމަޝްރޫޢުގެ ސަބަބުން ގަސްތަކުން ރަށުގެ ރައްޔިތުން ކުރަމުންދިޔަ ބޭނުން އެމީހުންނަށް ގެއްލިގެން ހިނގައިދާނެކަމަށްވެސް އީ.ޕީ.އޭއިން ވަނީ ވިދާޅުވިއެވެ.