ޚަބަރު

ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާ ފުޅާކުރުމަށް އެއްބަސްވުމެއް ޤާއިމުކޮށްފި


ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާ ފުޅާކުރުމަށް އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮއްފައި ވަނީ ވިލާ ކޮލެޖާއި އިނގިރޭސިވިލާތުގައި ރަޖިސްޓްރީވެފައިވާ މޯލްޑިވްސް ރިސާރޗް، ވިލާ ފައުންޑޭޝަނާއި އޭ.ޑީ.ކޭ. ހޮސްޕިޓަލްއާ ދެމެދުއެވެ.

ވިލާ ކޮލެޖުން މަޢުލޫމާތުދޭގޮތުގައި މި އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަފާތު ދާއިރާތަކުގައި ދިރާސާކޮށް އައު ހޯދުންތަކަށް މަގުފަހިކުރުމުގައި، އެއްބާރުލުން އިތުރުކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ވީ އެއްބަސްވުމެކެވެ.

ވިލާކޮލެޖްގެ ކިޔު.އައި. ކެމްޕަސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ވިލާ ކޮލެޖާއި މޯލްޑިވްސް ރިސާރޗްގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.ގެ އިތުރުން، މޯލްޑިވްސް ރިސާރޗްއާއި އޭ.ޑީ.ކޭ.ގެ ދެމެދުގައި ސޮއިކުރެވޭ އެމް.އޯ.ޔޫ. އާއި މޯލްޑިވްސް ރިސާރޗްއާއި ވިލާ ފައުންޑޭޝަންގެ ދެމެދުގައި ސޮއިކުރެވޭ ސްޕޮންސަރޝިޕް އެގްރީމެންޓްގައި ވަނީ ސޮއިކޮށްފައެވެ.

ވިލާކޮލެޖާއި މޯލްޑިވްސް ރިސާރޗްގެ މެދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ.ގެ ދަށުން، ދިވެހިރާއްޖޭގެ އިޖްތިމާޢީ ތަފާތު ދާއިރާތަކުގައި ޢިލްމީ ދިރާސާކުރުމުގެ މަސައްކަތް ދެފަރާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދިޔުމާއި ދިރާސާގެ މަސައްކަތުގައި ފަންނީގޮތުން އެއްބާރުލުން ދިނުމާއި، ދިރާސާގެ ދާއިރާއިން ތަމްރީނާއި ތަޖްރިބާ ޙިއްޞާކުރުމަށް ވަނީ އެއްބަސްވެފައިވެއެވެ. ވިލާ ކޮލެޖާއި، ވިލާ ފައުންޑޭޝަން، މޯލްޑިވްސް ރިސާރޗް އަދި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ އުންމީދަކީ، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެފަދަ މުހިންމު އަދި ބޭނުންތެރި ދިރާސާތަކަކަށް، މި އެމް.އޯ.ޔޫ.ތަކުން މަގުފަހިވެގެން ދިއުންކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާ ފުޅާކުރުމަށް އެއްބަސްވުމެއް ޤާއިމުކޮއްފައިވާއިރު، ވިލާ ކޮލެޖާއި މޯލްޑިވްސް ރިސާރޗް އަދި އޭޑީކޭ ހޮސްޕިޓަލުން މިހާރުވެސް ދަނީ ދިރާސީ ހޯދުންތައް ނެރެ ޝާޢިޢުކުރަމުންނެވެ.