ވިޔަފާރި

ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ


ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަސް މާރުކޭޓް އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ 4 ވަނަ ދުވަހާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ތިރީސް ތިން ހާސް ރުފިޔާ ހުށަހަޅަން ޖެހޭކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑަށް ހުޅުވާ ތާރީޙުން ފެށިގެން 148 ދުވަހެވެ.

މިނިސްޓްރީން ބުނީ ފައިސާ ބަލައިގަތުމުގެ ކަންކަން 7 ޖެނުއަރީން ފެށިގެން 4 ފެބްރުއަރީއާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފިނޭންސް މިނިސްޓްރީގައި ކުރިއަށްދާނެކަމަށެވެ. އަދި ބީލަމަށް ހުޅުވާލާ މުއްދަތު ހަމަވުމާއެކު ބީލަން ހުޅުވުން 5 ފެބްރުއަރީގައި ކުރިއަށްދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ވިލިމާލޭގައި މަސް މާރުކޭޓެއް އެޅުމުގެ މަސައްކަތަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިރުޝާދުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށްގެންދާ މަސައްކަތެކެވެ.