ޚަބަރު

ކައުންސިލް އިންތިޚާބު: ރަށްވެހިކަން ބަދަލުކުރެވޭނީ މިމަހުގެ 15ގެ ނިޔަލަށް


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި ރަށްވެހިވެފައިވާ ތަން ކަމުގައި ބަލާނީ މި މަހުގެ 15ވަނަ ދުވަހާ ހަމައަށް އެމީހަކު ރަޖިސްޓްރީވެފައި އޮތް ތަނެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާކަަމަށެވެ. އެހެންކަމުން ރައްވެހިކަން ބަދަލުކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 15ވަނަ ދުވަހުގެ ކުރިން ރައްވެހިކަން ބަދަކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

އަދި އެތާރީޚަށްފަހު ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާންގައި ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީމް މަހުގެ 4ވަނަ ދުވަހުއެވެ.