ޚަބަރު

ފުވައްމުލަކުން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި


ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ފުވައްމުލަކުން ހައްޔަރު ކުރި 10 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ފަހު 13:00 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މި ދިހަ މީހުން ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް ވަނީ ފަނަރަ ދުވަހުގެ މުއްދަތެއް ދީފައެވެ. ދިހަ މީހަކު ކޯޓް އަމުރެއްގެ ދަށުން ފުވައްމުލަކުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހަވީރު 16:00 އިން ފެށިގެން ރޭގެ ދަންވަރު 02:00 އާއި ދެމެދު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 55 އަހަރުގެ މީހަކާއި، 50 އަހަރުގެ މީހަކާއި، 41 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ ދެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނުން ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޚާއްޞަ ތަޙުޤީޤީ ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤީ ޓީމެއް ގުޅިގެން ފުވައްމުލަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.