ޚަބަރު

ރެޖިސްޓްރީ އާއި ގުޅޭ ބައެއް ޚިދުމަތްތައް ސިޓީ ކައުންސިލުން އޮންލައިންކުރަނީ


އަލަށް ވިހާ ކުދިން ރަޖިސްޓްރީ ކުރުމާއި، ގޯތި ގެދޮރާއި ގުޅޭ ރަޖިސްޓްރީގެ ބައެއް ކަންކަމަށް އޮންލައިންކޮށް ޚިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ އެ ޚިދުމަތްތައް އޮންލައިންކުރުމަށް ވެބްސައިޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ވެބްސައިޓްގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، އޮންލައިންކޮށް ރެޖިސްޓްރޭޝަންގެ ޚިދުމަތްތައް ފަށައިގަތުމަށް 3މަސް ހޭދަ ވާނެކަމަށް ޝިފާ ވިދާޅުވިއެވެ.

ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ ރެޖިސްޓްރޭޝަން ޚިދުމަތްތައް ދެނީ ކަރުދާސް ފޯމުގައިކަމުން، ލިޔެކިޔުންތައް ބެލެހެއްޓުމުގައިވެސް ގޮންޖެހުންތައް ހުރިކަމަށެވެ.

"އަޅުގަނޑުމެން އެލްޖީއޭއަކު މަޝްވަރާކޮށްފިން ވައިޓަލް ކަންކަމާއި ގުޅޭ ލިޔެކިޔުންތައް ކޮމްޕިއުޓަރައިޒް ކުރުމާއި ގުޅޭގޮތުން. އަބަދުވެސް ކަރުދާސް ފޯމްތައް މި ގެންގުޅެނީ. އެލްޖީއާއިގުޅީގެން ފަށަން މި މަޝްވަރާކުރަނީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރަން ފަށާ މިފަދަ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް." ސިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މިހާރު އަލަށް ވިހާ ކުދިންގެ ރެޖިސްޓްރީ ހެއްދުމަށް 3 ދުވަސް ހޭދަވާ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ޚިދުމަތް ފެށުމުން ރެޖިސްޓްރީ ކުރުމުގެ ކަންކަން އަވަސް ވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކަރުދާހުގައި ރެކޯޑްތައް ރައްކާކުރުމުގެ ސަބަބުން ގެދޮރު ރެޖިސްޓްރީ އާއި ގުޅޭ ކަންކަމުގައި ކައުންސިލްގައި ހުރި އެކަމާއި ގުޅޭ ލިޔެކިޔުން ހޯދުމަށްވެސް ދަތިތަކާއި ކުރިމަތިވާކަން ޝިފާ ވަނީ ފާހަގަކުރައްވާފައެވެ.