ކުޅިވަރު

ޒުވާން މިޑްފިލްޑަރ އައިސަމް މާޒިޔާއަށް ސޮއިކޮށްފި


ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް މާޒިޔާއަށް ސޮއިކޮށްފިއެވެ.

ޤައުމީ ޓީމުންވެސް ޖާގަ ހޯދި އައިސަމް، މާޒިޔާ އަށް ސޮއިކުރީ ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އައިސަމްގެ އިތުރުން މިފަހަރު ޓްރާންސްފާގައި މާޒިޔާއަށް ސޮއިކުރި އަނެއް ކުޅުންތެރިޔަކީ އަފްޣާނިސްތާން ޤައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދެވެ.

ކްލަބް އީގަލްސް އިން ކުރިން ފެނުނު އައިސަމް އަށް އޭރު އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ސާންތީ ވަނީ އޭރު އުމުރުން 18 އަހަރުގައި ވެސް އައިސަމް އަށް އީގަލްސްގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.

އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް ހިމެނުނު އައިސަމް ވަނީ އެ ޓީމާ އެކު ޔޫތު މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އީގަލްސް އަށް 2017 ވަނަ އަހަރުގެ ކުރީކޮޅު ކުޅުމަށް ފަހު އައިސަމް އަލުން ފުރަތަަމަ ޑިވިޝަނުން ފެނުނީ މި ސީޒަނުގައި ޓީސީންނެވެ.

އެ ޓީމުގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައި އައިސަމް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައިފައެވެ. އައިސަމް އެންމެ ފުރަތަމަ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން މޮޅުވި މެޗުގައެވެ.