ޚަބަރު

މިއަހަރުގެ އަމާޒަކީ 10000 ފަތުރުވެރިން - ބަޔޮސްފިޔަރ ރިޒާވް


މިއަހަރުގެ އަމާޒަކީ 10000 ފަތުރުވެރިން ހަނިފަރު ސަރަހައްދަށް ގެންދިއުންކަމަށް ބ އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފިހުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ 2018 ވަނަ އަހަރާއި އަޅާބަލާއިރު، މިދިޔަ އަހަރު ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު 6000 މީހުން އެސަރަޙައްދަށް ޒިޔާރަތްކުރިއިރު، ނިމުނު 2019 ވަނަ އަހަރު އެސަރަޙައްދަށް ޒިޔާރަތްކުރި މީހުންގެ އަދަދު އުޅެނީ 8200ގައި ކަމަށް ޝާފީ ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ 8200 އަށްވުރެ ގިނަ މީހުން މިދިޔަ އަހަރު ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 13 ޕަސެންޓް މީހުންނަކީ ދިވެހިންކަމަށެވެ.

ޝާފީ ވިދާޅުވީ މިއަހަރުގެ އަމާޒަކީ 10000 ފަތުރުވެރިން ހަނިފަރު ސަރަޙައްދަށް ގެނައުންކަމަށެވެ. އެކަމަށްޓަކައި ޕްލޭންތަކެއް ހަދައިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ޝާފީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަހަރުވެސް މަންތާ މޫސުން ފެށުމުގެ ކުރިން ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރާނަން، އަދި މިހާރު މިދަނީ ޕްލޭންތަކެއްވެސް ހަދަމުން، އަދި ޝޯޝަލް މީޑިއާ މެދުވެރިކޮށްވެސް އެކަން މިދަނީ ކުރަމުން. މިއަހަރު މިދިޔަ އަހަރަށްވުރެ ދިވެހިން ޒިޔާރަތްކުރި އަދަދު ގިނަ، އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ޒިޔާރަތްކުރި އަދަދު އެހެން އަހަރުތަކާ އަޅާ ބަލާއިރު 50 އިންސައްތަ ގިނަ" ޝާފީ ވިދާޅުވިއެވެ.

ބަޔޮސްފިޔަ ރިޒާވް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މަންތާ މޫސުމުން ކުރިއަށްދަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. އަދި މަންތާތައް ހަނިފަރަށް ވަންނަނީ ހުޅަނގު މޫސުމުގައެވެ.

ބަޔޮސްފިޔަ ރިޒާވް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި އެސަރަޙައްދަކީ ނާޒުކު ތިމާވެއްޓެއް އޮތް ސަރަޙައްދަކަށްވާއިރު ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. ނަމަވެސް ބ.އަތޮޅުން ބޭރު އުޅަނދުފަހަރު އެތަނަށް ވަދެ މަސްބޭނުމާއި، އެންދެމުމާއި، ހުއްދަ ނުހޯދާ އެސަރަހައްދަށް ވަދެ އުޅޭ މައްސަލަތައް ފާހަގަވާކަމަށްވެސް ބަޔޮސްފިޔަ ރިޒާވް އޮފީހުން މަޢުލޫމާތުދެއެވެ. އެކަން ހައްލުކުރުމުގެ ގޮތުން ހިމާޔަތްކޮށް ބަލަހައްޓަމުންދާ ތަންތަނާ ގުޅޭ މައުލޫމާތާއި، އެތަންތަން ބޭނުން ކުރުމުގައި ހެދިފައި ހުރި އުސޫލުތަކާއި ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަޔޮސްފިޔަރ ރިޒާވް އޮފީހުން ބުނެއެވެ.

ހަނިފަރު ހިމާޔަތްކޮށް ބަލަހައްޓަން ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އަދި ޤަވާއިދެއްގެ ދަށުން އެތަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2012 އަހަރުއެވެ. މިއީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ ސަރަހައްދެކެވެ. އަދި ސަރަހައްދުގައި ފީނާލާ، މަންތާ އާއި ފެހުރެހި ބަލާލުމަށް ރާއްޖެ އަންނަ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.