ވިޔަފާރި

ބާޒާރުގައި ފިޔާ ތިޔާގިވެއްޖެ


އިންޑިއާއިން ފިޔާ ލިބުން ދަތިވުމާއެކު އެހެން ޤައުމުތަކުން ފިޔާ އެތެރެކޮށް، ބާޒާރުގައި ވިއްކަން ފަށައިފިއެވެ.

ރާއްޖެއިން މީގެކުރިން ފިޔާ އެތެރެކުރަމުންދިޔަ އިންޑިއާއިން ފިޔާ ލިބުން ދަތިވުމުން، ވިޔަފާރިވެރިން ދަނީ އެހެން ޤައުމުތަކުން ފިޔާ އެތެރެކޮށް، ބާޒާރުގައި ފިޔާގެ އަގު ހެޔޮކުރުމަށް މަސައްކަތްކުރަމުންނެވެ.

ރާއްޖެއަށް މިހާރު އެކި ޤައުމުތަކުން ފިޔާ އެތެރެކުރަން ފަށާފައިވާއިރު، މާލޭގެ ބާޒާރު މައްޗަށް ބަލާލާއިރު ފިޔާގެ ތިޔާގިކަން ފެންނަން އެބަހުއްޓެވެ. ބަސްތާ ބަސްތާތައް ޕޭވްމަންޓް ކައިރިއަށް ޖަހާލާފައިވާއިރު މިއީ ދުވަސްކޮޅެއް ކުރިން ބާޒާރުމަތިން ފެނުނު މަންޒަރެއް ނޫނެވެ. ބާޒާރުގައި ފިޔާ ތިޔާގިވާން ފަށާފައިވާއިރު، އަތް ނުފޯރާފަށުގައި އުޅުުނު އަގުތައްވެސް ވަނީ ތިރިވާން ފަށާފައެވެ.

ބާޒާރުގައި ތިޔާގިވާން ފަށާފައިވާއިރު އިންޑިއާގެ ފިޔާގެ ބަދަލުގައި ބާޒާރުމަތިން ފެންނަނީ އެހެން ޤައުމުތަކުން އެތެރެކޮށްފައިވާ ފިޔާގެ ޝިޕްމަންޓްތަކެވެ. އެގޮތުން ފިޔާ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، ޗައިނާ، ތުރުކީ، ހޮލެންޑް އަދި މިސްރު ހިމެނެއެވެ. އަދި މި ޤައުމުތަކުން ފިޔާ އެތެރެކުރަނީ ހެޔޮ އަގެއްގައި ފިޔާ ލިބޭތީކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

"އިންޑިއާއިން ފިޔާ ބަސްތާއެއް ލިބެނީ 1200 ރުފިޔާއަށް ވުރެ މަތިން. މިއަށް ވުރެ އަގުހެޔޮ ޕާކިސްތާން، ޗައިނާގެ ފިޔާވެސް. އިންޑިއާ ފިޔާއަށް ވުރެ ނުބައެއް ވެސް ނުވާނެ. ޕާކިސްތާން ފިޔާ ހަމަ ވަރަށް ރަނގަޅު." ވިޔަފާރިވެރިއަކު ބުންޏެވެ.

ބާޒާރުގައި އެކި ޤައުމުތަކުން އެތެރެކޮށްފައިވާ ފިޔާގެ އަގުތަކަށް ބަލާލާއިރު އެންމެ އަގު ހެވީ ހޮލެންޑްއިން އެތެރެކޮށް، ވިއްކާ ފިޔާއެވެ. ހޮލެންޑް އިން ރާއްޖެ މުދާ ސަޕްލައި ކުރާ ސަޕްލަޔަރަކު ބުނީ މިއީ އެކުންފުނިން ރާއްޖެއަށް ފިޔާ އެތެރެކޮށް، ވިއްކާ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން އެކުންފުނިން އެތެރެކުރާ ފިޔާ އަގުހެޔޮކޮށް ވިއްކާއިރު، ފިޔާ ކިލޯއެއް އުޅެނީ 25 ރުފިޔާއަށެވެ. އަދި ބަސްތާއެއް ވިއްކަނީ 700 ރުފިޔާއަށެވެ.

ހޮލެންޑް ފިޔާއަށްފަހު ބާޒާރުގައި ދެން އެންމެ އަގުހެވީ ޕާކިސްތާން އަދި ޗައިނާގެ ފިޔާއެވެ. މި ފިޔާތަކުގެ އަގު އުޅެނީ 30 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގައެވެ. ވިޔަފާރިވެރިން ބުނީ ޗައިނާ ފިޔާއަށް ވުރެ ޕާކިސްތާން ފިޔާ ކަސްޓަމަރުންނަށް ކަމުދާކަމަށެވެ. އަދި މި ފިޔާއަށް އޮންނަ ޑިމާންޑް ބޮޑުކަމަށް ވެސް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

ޕާކިސްތާން ފިޔާގެ އިތުރުން ތުރުކީ އަދި މިސްރު ހިމެނޭ ސަރަޙައްދުންވެސް ރާއްޖެއަށް މިހާރު ދަނީ ފިޔާ އެތެރެކުރަމުންނެވެ. އެސަރަޙައްދުން އެެތެރެކުރާ ފިޔާ ކިލޯއެއް އުޅެނީ 40 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދުއެވެ.

ބާޒާރުމަތީގައި ފިޔާ ތިޔާގިވެ، ފިޔާގެ އަގު ކުޑަކޮށް ދަށްވެފައިވީނަމަވެސް އާންމު ފިހާރަތަކާއި ރަށްރަށުގައި ފިޔާގެ އަގު އަދިވެސް އުޅެނީ 50 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުއެވެ.

ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު ހަމައަކަށް އެޅެން އަދިވެސް ވަގުތު ނަގާނެކަމަށެވެ. އަދި އިންޑިއާއިން އެތެރެކުރާ ފިޔާގެ އަގު ދަށަށްދާނެ ދުވަހެއް އަދިވެސް ނޭނގޭކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.