ޚަބަރު

ސަރަނގު އާދަމް މަނިކުވެސް މާލޭ މޭޔަރުކަމަށް ވާދަކުރައްވަނީ!


މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، މޭޔަރުކަމަށް ވާދަކުރައްވާނެކަން އިޢުލާންކުރުމާއެކު މާލެސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ޢަދަދު ގިނަވެ ވާދަވެރިކަން އިތުރުވެއްޖެއެވެ.

އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަމަށާއި، އޭނާ އެމަޤާމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒްކުރުމަށްކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބެވަޑައިގެންނެވި ސަރަނގު އާދަމް މަނިކު ވިދާޅުވީ، މީގެ ކުރިންވެސް މާލެއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާކަމަށާއި، ދެންވެސް މާލެއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ އޭނާއަށްކަމަށެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި ކައުންސިލްގައި މާލޭގެ މޭޔަރުކަން ފުރަތަމަ ކުރައްވާފައިވަނީ އާދަމް މަނިކުއެވެ. މާލޭގެ މޭޔަރުކަމަށް ޓިކެޓް ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އާދަމް މަނިކު އިޢުލާނުކުރެއްވިއިރު، އެމްޑީޕީގެ އެތެރޭގައިވެސް މާލޭގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރާ މީހުން އިތުރުވެ އެ މަޤާމުގެ ބާދަވެރިކަން ވަނީ އިތުރުވެފައެވެ.
އެގޮތުން މޭޔަރުކަމަށް ވާދަކުރައްވާނެކަން އިޢުލާންކޮށްފައިވަނީ މާލޭ ސިޓީގެ މިހާރުގެ މޭޔަރު ސިފާ މުޙައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފާއި، ސިޓީ ކައުންސިލްގެ މެދު ހެންވޭރު ތަމްސީލްކުރާ މެންބަރު އަޙްމަދު ނިޔާޒާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްޞައްތާރާއި، އިބްރާހީމް ރަޝީދުއެވެ.

މިމަހުގެ 31 ވަނަ ދުވަހުބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ވާދަވެރިވެގެންދާނެކަމަށް ބެލެވެނީވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރުންގެ ވޯޓެވެ. މީގެ އިތުރުން ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިޢުލާންކޮށްފައެވެ.