ޚަބަރު

ޖޭޕީންވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމައިފިއެވެ. ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކައުންސިލް އިންތިޚާބުގައި މޭޔަރުންނާއި ކައުންސިލްގެ ރައީސުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ދާއިރާތަކަށާއި، އާންމު ކައުންސިލް މެންބަރުންގެ ދާއިރާތަކަށްވެސް ވާދަކުރަން ނިންމާފައިވާކަމަށެވެ. އެޕާޓީން ބުނީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުންވެސް ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން އިޢުލާންކޮށް އެޕާޓީތަކުގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ހުށައެޅުމަށް ހުޅުވާލާފައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން އިޢުލާންކޮށްފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 ކައުންސިލަރުން އިންތިޚާބުކުރާއިރު އަންހެނުންނަށް ޚާއްޞާ ދާއިރާތަކަށް 372 އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. އަދި ރަށު ކައުންސިލްގެ ރައީސްގެ ގޮތުގައި 179 ކައުންސިލަރުންނާއި ސިޓީ ކައުންސިލް މޭޔަރުންގެ ގޮތުގައި 4 މޭޔަރުން އިންތިޚާބުކުރާނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ގޮތުގައި 929 މެންބަރުން އިންތިޚާބުކުރާނެއެވެ.