ޚަބަރު

ލަންކާއިން ދިވެހި ބަޔަކު ހައްޔަރުކުރީ ވިސާގެ މައްސަލަތަކާއި މަނާ ސިނގިރޭޓް އެތެރެކޮށްގެން


ވިސާއާއި އެހެނިހެން މައްސަލަތަކުގައި އަވަށްޓެރި ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި 7 ދިވެއްސަކު އެބަތިބިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ 12 މީހަކު ގެންދެވުނުކަމަށެވެ. އޭގެ ތެރެއިން 5 މީހަކު ގެންދެވިފައިވަނީ ފުލުހުން ބޭނުންވާ ސުވާލުތަކެއް ކުރުމަށްކަމަށާއި މިހާރު އެ 5 މީހުން ދޫކޮށްލާފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވާ.

މައުލޫމާތުލިބިފައިވާ ގޮތުގައި ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި 7 މީހުންނަކީ ވިސާގެ މައްސަލަތަކާއި، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓް އެތެރެކުރި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނެވެ.

ލަންކާގެ ޤަވާއިދުތަކާއި ޚިލާފަށް އުޅުނު ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީންދަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ. ބޭރު ޤައުމުތަކަށް ދިވެހިން ގޮސްއުޅޭއިރު އެގައުމުތަކުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފޮރިން މިނސްޓްރީން އިލްތިމާސްކުރައްވައެވެ.