ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްފި


މިދިޔަ ނޮވެމްބަރުމަހު ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހްމަތުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ 8 މީހެއްގެ މައްޗަށްކަމަށެވެ. އެއީ އަންހެނަކާއި 7 ފިރިހެނެކެވެ.

ހުޅުމާލޭ ގެސްޓް ހައުސްއެއްގައި ބަނގުރާ ބޯން ތިބިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އަންހެން މީހާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދަޢުވާއެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން 6 ފިރިހެނެއްގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހެޅިފައެވެ.

އޭގެ އިތުރުން މި މައްސަލާގައި އިތުރު ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ޑްރަގް ކޯޓަށް ހުށައަޅާފައިވާކަމަށްވެސް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ވިދާޅުވި އެވެ.