ޚަބަރު

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް ޚާއްސަ ބޫތު ހެދުމަށް މަޝްވަރާކޮށްފި


މަގުމަތީގައި ހިނގާ މީހުންނަށް ސިނގިރޭޓުގެ ދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް، ސިނގިރޭޓު ބުއިމަށް މާލޭގައި ޚާއްސަ ތަންތަން ހެދުމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއިއެކު މަޝްވަރާކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަމާމެދު އަދި ވަކި ނިންމުންތަކެއް ނިންމާފައި ނުވާކަމަށާއި، ކުރިއަށްދަނީ މަޝްވަރާކަމަށެވެ.

އެގޮތުން ސިނގިރޭޓު ބުއިން ހުއްޓުވުމާއި އަދި އެކަމުން މުޖުތަމަޢަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލުންވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިންގާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑާއެކު މަޝްވަރާކޮށްފައެވެ. ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޝްވަރާކޮށްފައިވަނީ ބޭރުގެ ޤައުމުތަކުގައި ހުންނަ ގޮތަށް ސިނގިރޭޓު ބުއިމަށް ޚާއްސަ ބޫތުތަކެއް ހެދުމަށްކަމަށެވެ. މިފަދަ ބޫތުތަކީ މީހުން އެއްވެ އުޅޭ ތަންތާނގައި ސިނގިރޭޓު ބުއިން މަނާކޮށް، ސިނގިރޭޓު ބޯން ތިބުމަށް ވަކިން ޚާއްސަކޮށް ހަދާ ތަންތަނެވެ.

ހެލްތު މިނިސްޓްރީންވެސްދަނީ ސިނގިރޭޓު ބުއިމާއި މީހުން ދުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސިނގިރޭޓު ބޯ މީހުން މަދުކޮށް އެއިން ލިބޭ ގެއްލުމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ދުންފަތާއި ގުޅޭ ޤަވާއިދުތައް ދަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، އަދި ދުންފަތް ޕެކެޓުގެ ބޭރުގައި ދުންފަތުގެ ނުރައްކާ ދައްކުވައިދޭ ކުރެހުން ޖަހައިގެން ވިއްކުމަކީ މިހާރު މަޖުބޫރުކަމެކެވެ.

އަދި ބައެއް ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނަކީވެސް ދުންފަތުގެ އިސްތިޢުމާލް ކުރުން މަނާ ތަންނުގެ ގޮތުގައިވެސްވަނީ ހަމަޖައްސާފައެވެ.