ޚަބަރު

ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން އައިޖީއެމްއެޗްގައި ޚިދުމަތްދެއްވަން ފައްޓަވައިފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން ޑރ. ފަތުޙުﷲ ސައީދު ޚިދުމަތް ދެއްވަން ފައްޓަވައިފިއެވެ.

އޯރަލް އެންޑް މެކްސިލޯޓޭޝަލް ސަރޖަރީއަކީ، އުފަންވުމުގައި ހުންނަ އައިބުތަކާއި އަދި އަނިޔާތަކުގެ ސަބަބުން މޫނާއި އަދި ކަނދުރާއަށް ލިބޭ ގެއްލުންތަކާއި ގުޅިގެން ސާރޖަރީތަކެވެ. އައިޖީއެމްއެޗުން ކުރި ޓުވީޓެއްގައި ވަނީ، ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަން ޑރ. ފަތުޙުﷲ ސައީދު ހޮސްޕިޓަލުގައި ފަރުވާ ދެއްވަން ފައްޓަވާފައިވާކަން ހާމަކުރައްވާފައެވެ.

އޯރަލް އެންޑް މެކްސިލޯފޭޝަލް ސާރޖަރީ އަކީ އަނގަ، މޫނު އަދި ކަނދުރާގެ ސާރޖަރީ ތަކަށް ހާއްސަ ފަރުވާއެކެވެ، މިގޮތުން އުފެދުމުގަ އާއި ޒަޚަމްވެ ވެގެން ނުވަތަ އަނިޔާވެގެން އުފެދޭ އައިބުތައް (ކްލެފްޓް ޕެލެޓް ފަދަ)، ޓްރޯމާ ފަރުވާ، އަދި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާރޖަރީ ކުރުން، ޕާޝަލް ކޮސްމެޓިކް ސާރޖަރީ، ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުން ހިމެނެއެވެ. އަދި އިމްޕްލާންޓް ސާރޖަރީގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

ޑރ. ފަތުޙުﷲ ސައީދު އައި.ޖީ.އެމް.އެޗް ގެ އޯ.ޕީ.ޑީގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާއިރު، އާންމުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އައިޖީއެމްއެޗްއިން މަޢުލޫމާތުދެއްވައެވެ.

އައިޖީއެމްއެޗްއިން ދަނީ އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޚިދުމަތްތަކެއްވެސް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ވަނީ ތަޢާރަފްކޮއްފައެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕިޒިއޮތެރަޕީ ޑިޕާޓްމަންޓްގައި "އަކުއަޓިކް ޕިޒިއޮތެރަޕީ" ނުވަތަ ފެނުގެ ކަސްރަތުގެ ޚިދުމަތް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފަށާފައެވެ.