ޚަބަރު

އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް


  • ލޯނު އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބޭނެ

  • ލޯނު ދެނީ %9.5 ރޭޓެއްގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވްއެބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ.

ބީއެމްއެލްއިން ވަނީ މި ފެސިލިޓީއަށް އަނބުރާ ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައި ދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ލިވަބޯޑް ފައިނޭންސް ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ.

މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އަދި އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެން ކަމަށެވެ. މީގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުންކަންވެސް ބީއެމްއެލްއިން ފާޙަގަކުރެއެވެ.

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވްއެބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. އޭނާ ވިދާޅުވީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ، އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް ކަމަށާއި، ލިވްއެބޯޑް ފައިނޭންސްގެ ނަމުގައި މި ތައާރަފުކުރި މާލީ ޚިދުމަތަކީ، މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި، ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. މީގެ ސަބަބުން، އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ ދިވެހި އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފައިނޭންސިންގެ ސަބަބުން، ފްލީޓް އާކުރުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންނަށާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ބީއެމްއެލް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެއްކަމަށް އެ ބޭންކުން ވިދާޅުވެއެވެ.