ވިޔަފާރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްލަހަތު ނަގާލުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން - މަޓާޓޯ


ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސްލަހަތު ނަގާލުމުގެ ނިޔަތުގައި ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި އަދި އެއީ ކަންބޮޑުވާ މައްސަލައެއްކަމަށް މަޓާޓޯއިން ބުނެފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މި ސިނާޢަތުގެ އެންމެ އަގުހުރި ރައުސުލްމާލުކަމަށެވެ. އެހެންކަމުން މި ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުން، ޙާއްސަކޮށް ދިވެހި މުވައްޒަފުން، ނިވާފަތްގަނޑަކަށް ހަދައި، ސިނާޢަތުގެ އެއްބައިވަންތަކަމަށާއި، ރޫހު ނަގާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް، އެފަދަ ކަންކައްތަކުން މި ސިނާޢަތް ހިމާޔަތްކުރުމަށް އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނުގައި އިލްތިމާސް ކޮށްފަވެއެވެ.

މަޓާޓޯގެ ބަޔާނުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާރވިސް ޗާޖާއި ގުޅޭގޮތުން، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްކެވި ވާހަކައިގެ މާނަ އޮޅުވާލައި، އެ ސިނާޢަތުގެ މަސަލަހަތު ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ. އަދި ސިޔާސީ މަޤްސަދުތަކެއް ހާސިލުކުރުމަށް، ޓުއަރިޒަމް މިނިސްޓްރީއާއި، ޓުއަރިޒަމް މިނިސްޓަރުގެ އިތުބާރު ގެއްލުވުމާލުމުގެ ބޭނުމުގައި، ދިވެހި މުވައްޒަފުން އުޒުރަކަށް ހެދުން އެއީ ހިތާމަވެރިކަމެއްކަމަށާއި މިފަދަ ނުފޫޒުތަކަށް ހިތްވަރުނުދިނުމަށްވެސް މަޓާޓޯއިން ގޮވާލާފައިވެއެވެ.