ޚަބަރު

2019: ސިޔާސީ ހަމަނުޖެހުން ބޮޑު، ޤުދުރަތީ ކާރިޘާތައް ގިނަ އަހަރެއް


2019ވަނަ އަހަރު ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ގިނަވެ، ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ގިނަ ޤައުމުތަކެއްގެ ސަރުކާރު ބަދަލުވި އަހަރެއްގެ ގޮތުގައެވެ. އަހަރު ފެށުނުއިރުވެސް ކުރިމަތިވެފައިވާ މައްސަލަތަކަށް އަހަރު ނިމުނުއިރުވެސް ޙައްލެއް ނުލިބި އޮތް ތަނެވެ. އޭގެ އިތުރުން، ޤުދުރަތީ ކާރިޘާތައް ގިނަވެ، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރަކަށެވެ.

މިލިޔުމުގައި މިބަލާލަނީ 2019ވަނަ އަހަރު ދުނިޔޭގައި ހިނގާފައިވާ މުޙިއްމު ބައެއް ޙާދިސާތަކަށެވެ.

ޖެނުއަރީ 1: އޯގަނައިޒޭޝަން އޮފް ފަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގެ މެންބަރުކަމުން، 50 އަހަރަށްފަހު، ޤަތަރު ވަކިވުން.
ޖެނުއަރީ 3: ދުނިޔެއަށް ދުވަހަކުވެސް ނުފެންނަ، ހަނދުގެ ދުރު ފަރާތަށް ފުރަތަމަ ފަހަރަށް ޖައްވީ އުޅަނދެއް ފޮނުވުމުގެ ޝަރަފް ޗައިނާއިން ހޯދުން.
ޖެނުއަރީ 5: ފަރަންސޭސިވިލާތުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ޔެލޯ ވެސްޓްސް މުޒާހަރާތައް ކުރިއަށްގެންދިއުން.
ޖެނުއަރީ 25: ބްރެޒިލްގެ ޑޭމެއް ފަޅައިގެންގޮސް ހިނގި ޙާދިސާތަކުގައި 237 މީހުން މަރުވެ، 33 މީހުން ގެއްލުން.
ޖެނުއަރީ 28: ޗައިނާއާއި އެމެރިކާއާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ޗައިނާގެ ވާވޭ ކުންފުންޏާ ދެކޮޅަށް އެމެރިކާއިން 23 ދައުވާއެއް އުފުލުން.

ފެބްރުއަރީ 12: ވިލާތުގެ ޒަމާންވީ މައްސަލައެއްކަމަށްވާ މެސެޑޯނިއާގެ ނަމުގެ މައްސަލަ ޙައްލުކޮށް، އެ ޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެންބަރަކުމާއި ހުޅަނގުގެ މައި ދިފާޢީ ޖަމްޢިއްޔާކަމަށްވާ ނޭޓޯގެ މެންބަރުކަން ހޯދުމަށް، އެ ޤައުމުގެ ނަން ނޯތް މެސެޑޯނިއާއަށް ބަދަލުކުރުން.
ފެބްރުއަރީ 14: އިންޑިއާގެ ޕަލްވާމާގައި ދަތުރުކުރަމުންދިޔަ އެ ޤައުމުގެ އަސްކަރީ ގާފިލާއަކަށް ދިން ޙަމަލާއެއްގައި އިންޑިއާގެ ސެންޓްރަލް ރިސާވް ޕޮލިސް ފޯސް (ސީއާރްޕީއެފް)ގެ 40 މީހުން މަރުވުން.
ފެބްރުއަރީ 23: ސަރުކާރާ ވަރުގަދަ މުޒާހަރާތަކެއް ކުރަންމުންދިޔަ ދަނޑިވަޅެއްގައި ގިނަ ޢަދަދެއްގެ ސިޔާސީވެރިން މަޤާމުން ދުރުކުރުމަށްފަހު، މުޅި ޤައުމުގައި ކުއްލި ޙާލަތު އިޢުލާންކޮށް، ސޫދާންގެ ރައީސްކަމުން އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާކަން ޢުމަރު އަލްބަޝީރު އިޢުލާންކުރެއްވުން.

މަރޗް 10: އަޑިސް އަބާބާ ބޯލް އިންޓަނޭޝަލް އެއަރޕޯޓުން ފުރައިގެން ނައިރޯބީއަށް ދަތުރުކުރަމުން ދިޔަ ބޮއިން 737 މެކްސް 8 މަރުކައިގެ އިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓެއް ކެންޔާއަށް ވެއްޓި 157 މީހުން މަރުވުން.
މަރޗް 1: އެތައް ހަފުތާއެއްގެ މުޒާހަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން އަލްޖަޒާއިރުގެ ރައީސް ޢަބްދުލްއަޒީޒް ބޫތަފްލިކާ ފަސްވަނަ ދައުރަކަށް ވާދަނުކުރައްވާނެކަން އިޢުލާންކުރައްވާ ފަހުގެ ތާރީޚަކަށް ރިޔާސީ އިންތިޚާބު ފަސްކުރުން.
މަރޗް 14: ބާރުގަދަ ތޫފާން، ސައިކްލޯން އިޑައި، އެފްރިކާގެ މޮޒަންބީކަށާއި މަލާވީއަށް އެރުމުގެ ސަބަބުން 1،000އަށްވުރެ ގިނަ މީހުން މަރުވެ، 2 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުން.
މަރޗް 15: ނިއު ޒީލެންޑުގެ 2 މިސްކިތަކަށް ދިން ބަޑީގެ ޙަމަލާތަކެއްގައި 50 މީހުން މަރުވުން.

އޭޕްރިލް 11: ހަތް އަހަރު ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ އިކުއެޑޯގެ އެންބަސީއިން ޙިމާޔަތް ހޯދައިގެން ހުރި ވިކިލީކްސް ބާނީ ޖޫލިއަން އަސާންޖް ހައްޔަރުކުރުން.
އޭޕްރިލް 11: ކޮރަޕްޝަންގެ ތުޙުމަތުގައި އެކި ފަންތީގެ 59 ސަރުކާރު މުވައްޒަފުން އިތިއޯޕިއާގައި ހައްޔަރުކުރުން.
އޭޕްރިލް 16: އިތުރު ބާރުތަކެއް ލިބިވަޑައިގަންނަވާގޮތަށާއި ވެރިކަމުގައި 2030ވަނަ އަހަރާ ހަމައަށް ހުންނެވޭ ގޮތަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް ސީސީ އެޤައުމުގެ ޤާނޫނުއަސާސީ ބަދަލުކުރުން.
އޭޕްރިކް 21: އައިއެސް ޖަމާޢަތުން ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި ހުންނަ މަތީ ފަންތީގެ ހޮޓާތަކަކަށާއި ފައްޅިތަކަކަށް ދިން ބޮމުގެ ޙަމަލާތަކެއްގައި 250އަށްވުރެ ގިނަ މީހުން މަރުވުން.
އޭޕްރިލް 21: މަޖާ ބައިތައް ކުޅޭ އެކްޓަރެއްކަމަށްވާ ވޮލޮޑިމީރް ޒެލެންސްކީ ޔޫކްރެއިންގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން.
އޭޕްރިލް 26: އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގް އުން ރަޝިޔާއަށް ވަޑައިގެން އެޤައުމުގެ ރައީސް ވްލަޑްމީރް ޕުޓިންއާ ބައްދަލުކުރެއްވުން.
އޭޕްރިލް 30: ދެވަނަ ދައުރަކަށް ވެނެޒުއެލާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ނިކޮލަސް މަދޫރޯއަށް ވޯޓުގައި މަކަރު ހެއްދެވިކަމުގެ ތުޙުމަތުކުރެވި، އޭނާއަށް ދެކޮޅަށް އެޤައުމުގައި ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުން.
އޭޕްރިލް 30: ޖަޕާނުގެ އެންޕެރާކަމުން އަކިހީޓޯ އަމިއްލައަށް ވަކިވުން.

މެއި 1: ޒަމާންވީ ސަޤާފަތާ މުޅިން ޚިލާފަށް، ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޮން އޭނާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޔުނިޓުގެ ވެރިޔާގެ ނައިބާ ކައިވެނިބައްލަވާގަތުން.
މެއި 6: އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ކާފަ ދަރިކަލުންކަމަށްވާ ޕްރިންސް ހެރީއަށް ފިރިހެން ބޭފުޅެއް ލިބިވަޑައިގަތުން.
މެއި 21: އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޭޑޯ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުން.
މެއި 23: ތަފާތު ބޮޑު އަޣްލަބިއްޔަތަކުން އިންޑިއާގެ ޢާންމު އިންތިޚާބު ބޮޑުވަޒީރު ނަރެންދްރަ މޯދީ ކާމިޔާބުކުރެއްވުން.

ޖޫން 7: ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރެއްވުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެވަޑައިގެންނެވި އެ ޤައުމުގެ ބޮޑުވަޒީރު ތެރީސާ މެއި އިސްތިޢުފާ ދެއްވުން.
ޖޫން 9: ކުށްވެރިންނަށް އަދަބު ދިނުމަށް ޗައިނާއަށް ފޮނުވުމަށް ޤާނޫނެއް ފާސްކުރަން މަސައްކަތްކުރަން ފެށުމުން، އެކަމާ ދެކޮޅަށް ހޮންގްކޮންގްގެ ރައްޔިތުން ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުން.
ޖޫން 10: މާލިގެ އަވަށެއްގައި ހުޅުޖެހުމުގެ ސަބަބުން 100 މީހުން މަރުވުން.
ޖޫން 17: ނައިޖީރިޔާގައި ދިން ބިމުގެ ޙަމަލާތަކެއްގައި 30 މީހުން މަރުވުން.
ޖޫން 19: 2014ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޔޫކްރެއިންގެ މަތިން މިސައިލަކުން ޙަމަލާދީ މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ނެދަލެންޑްސްގައި ދަޢުވާ އުފުލުން.
ޖޫން 30: އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށްފަހު، ދެކުނު ކޮރެޔާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ކުޑަ ވަގުތުކޮޅަކަށް އުތުރު ކޮރެޔާއަށް ވަޑައިގަތުން.

ޖުލައި 12: ރަޝިޔާއިން އުފައްދާފައިވާ އެސް400ގެ މިސައިލުން ދިފާޢުވުމުގެ ވައިގެ ނިޒާމުގެ ފުރަތަމަ ޝިޕްމަންޓް ތުރުކީވިލާތަށް އެތެރެކުރުން.
ޖުލައި 19: އިނގިރޭސިވިލާތުގެ ތެޔޮ އުފުލާ އުޅަނދެއް އީރާނުން ހިފެހެއްޓުން.
ޖުލައި 24: އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ބޮރިސް ޖޮންސަން ހަމަޖެއްސުން.
ޖުލައި 28: ނައިޖީރިޔާގައި ބޭއްވި ޖަނާޒާއަކަށް ބޮކޮ ހަރާމް ޖަމާޢަތުން ދިން ޙަމަލާއެއްގައި 65 މީހުން މަރުވުން.

އޮގަސްޓް 3: އިންސާފުވެރި އިންތިޚާބަކަށް ގޮވާލާ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބޮޑު މުޒާހަރާއެއް ރުޅާލާ 300 މީހުން ހައްޔަރުކުރުން.
އޮގަސްޓް 10: ނޯވޭގެ މިސްކިތަކަށް ދިން ބަޑީގެ ޙަމަލާއެއްގައި އެކަކު ޒަޚަމްވުން.
އޮގަސްޓް 16: ދުރާލާ ރާވައިގެން އިދިކޮޅު ފަރާތްތަކުން ޒިންބާބްވޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލާ، ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާކުރުމަށްފަހު ޖަލަށްލުން.
އޮގަސްޓް 18: އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮތް ކައިވެނި ހަފުލާއަކަށް އައިއެސް ޖަމާޢަތުން ދިން ޙަމަލާއެއްގައި 63 މީހުން މަރުވުން.
އޮގަސްޓް 24: ބްރެޒިލްގެ އެމެޒޮން ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އެ ޤައުމުގެ ސިފައިން އެސަރަޙައްދަށް ފޮނުވުން.

ސެޕްޓެމްބަރު 17: ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ބޮމުގެ ޙަމަލާތަކެއްގައި 48 މީހުން މަރުވުން.
ސެޕްޓެމްބަރު 22: ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ދިން ޙަމަލާއެއްގައި ޢާންމުންގެ 40 މީހުން މަރުވުން.
ސެޕްޓެމްބަރު 24: އިންޑޮނޭޝީއާގެ ވެސްޓް ޕަޕުއާގައި ކުރި މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ 27 މީހުން މަރުވުން.

އޮކްޓޯބަރު 3: ސަރުކާރާ ދެކޮޅު މުޒާހަރާތައް ޢީރާޤުގެ ވެރިރަށް ބަޤްދާދުގައި ފެށުން.
އޮކްޓޯބަރު 8: އިކުއެޑޯގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވުމުން، އެޤައުމުގެ ސަރުކާރު ވެރިކަންކުރާ ރަށް ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުކުރަން ނިންމުން.
އޮކްޓޯބަރު 9: ބައިނަލްއަޣްވާމީ މުޖުތަމަޢުން ހިތްހަމަނުޖެހުން ފާޅުކުރަނިކޮށް، ތުރުކީވިލާތުން ސޫރިޔާގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތަކެއް ފެށުން.
އޮކްޓޯބަރު 11: އިތިއޯޕިއާގެ ޒުވާން ބޮޑުވަޒީރު އަބީ އަޙްމަދަށް ނޮބެލް ސުލްޙައިގެ އިނާމު ލިބުން.
އޮކްޓޯބަރު 19: އިދިކޮޅު މުޒާހަރާތައް ވަރުގަދަވެ، ޗިލީގައި ކުއްލި ޙާލަތު އިޢުލާންކުރުން.
އޮކްޓޯބަރު 21: ފޭސްބުކްގައި ޝާއިޢުކުރި ލިޔުމަކާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރި މުޒާހަރާއަކަށް ފުލުހުން ބަޑި ޖެހުމުން 4 މީހުން މަރުވުން.
އޮކްޓޯބަރު 26: ސޫރިޔާގައި އެމެރިކާ ސިފައިން ހިންގި ޙާއްސަ އަސްކަރީ ޙަރަކާތެއްގައި އައިއެސް ޖަމާޢަތުގެ ވެރިޔާ އަބޫބަކުރު އަލްބަޤްދާދީ މަރާލުން.

ނޮވެންބަރު 2: މާލީގެ އަސްކަރީ ފައުޖުތަކަކާ ދެކޮޅަށް ދިން ޙަމަލާއެއްގައި ސިފައިންގެ 53 މީހުން މަރުވުން.
ނޮވެންބަރު 10: ޢިރާޤުގައި ހުއްޓުމެއްނެތި ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ ޢަދަދު 300އަށްވުރެ މައްޗަށް ދިއުން.
ނޮވެންބަރު 20: އީރާނުގައި ތެލުގެ އަގު އުފުލުމުން އެކަމާ ދެކޮޅަށް ކުރަންފެށި މުޒާހަރާތައް ހުއްޓުވުމަށް އިންޓަނެޓް ކަނޑާލުން.
ނޮވެންބަރު 24: ކޮލޮންބިޔާގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެޤައުމުގެ ސަރަޙައްދީ ރޮނގުތައް ބަންދުކޮށް، ކާފިއު އިޢުލާންކުރުން.

ޑިސެންބަރު 8: އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ކާރުހާނާއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގާ 43 މީހުން މަރުވުން.
ޑިސެންބަރު 9: ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ސަންނަ މަރިން ފިންލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުކުރުން.
ޑިސެންބަރު 14: ލުބުނާނުގެ ސިޔާސީ މަސްރަޙް އޮޅުންބޮޅުންގަނޑެއްގެ ގޮތުގައި އޮއްވާ، އެޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ކުރިއަށްގެންދިއުން.
ޑިސެންބަރު 18: އިންޑިޔާގެ ސަރުކާރުން ފާސްކޮށްފައިވާ ރަށްވެހިކަމާ ބެހޭ ޤާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ ޢަދަދު 18އަށް އެރުން.
ޑިސެންބަރު 21: ނިއު ޒީލެންޑުގެ މިސްކިތްތަކަކަށް ދިން ބަޑީގެ ޙަމަލާތަކަށްފަހު، އެޤައުމުގެ ރައްޔިތުންގެ އަތުގައި ހުރި ހަތިޔާރުތައް ސަރުކާރާ ހަވާލުކުރުމަށް ފެށި މަޝްރޫއުގެ ދަށުން 56،000 ބަޑި ހަވާލުކޮށްފައިވާކަމަށް އިޢުލާންކުރުން.
ޑިސެންބަރު 28: ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި 78 މީހުން މަރުވެ، 125 މީހުން ޒަޚަމްވުން.
ޑިސެންބަރު 31: ޢިރާޤާއި ސޫރިޔާއަށް އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތަކެއް ދިނުމުން، ބަޤްދާދުގައި ހުންނަ އެމެރިކާގެ އެންބަސީ ދޮށަށް ޢާންމުން އެއްވެ، އެއިމާރާތަށް ގެއްލުން ދިނުން.