ޚަބަރު

ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ޤަވާޢިދުތަކަށް އިޙްތިރާމް ކުރަން އިލްތިމާސްކޮށްފި


ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއެއްޗެތި ދުއްވުމުގައި ޤާނޫނާ ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސް ކުރެއްވީ ބްރިޖް މަތީ މިއަދު ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖް މަތީ ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖްގެ އެއް ފަރާތެއްގައި މަޑުކުރުމަށްފަހު ނައްޓާލަން އުޅެނިކޮށް ފަހަތުން އައި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ބުރިޖުގެ އެއް ފަރާތުގައި މަޑުކޮށްގެން އިނީ 30 އަހަރުގެ އަންހެނެއް ކަމަށާއި އަދި ފަހަތުން ސައިކަލެއްގައި އައީ 26 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ. މިދެމީހުންނަކީވެސް ލައިސަންސް އޮތް ދެމީހުން ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ބްރިޖާއި ހައިވޭ އަކީ ވެހިކަލް މަޑުކޮށްލައިގެން އޮތުން މަނާ ސަރައްދެއްކަމަށާއި އެ ސަރައްދުގައި މިގޮތަށް މަޑުކޮށްލައިގެން އޮތުމުން އެކްސިޑެންޓްތައް ހިންގުމަށް މަގު ފަހިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުވެސް މިފަދަ އެކްސިޑެންޓެއްވަނީ ހިނގާފައެވެ.