ޚަބަރު

"ސިންތާތަކުން ޤައުމިއްޔަތާބެހޭ އައު މައުލޫމާތުތައް ފޯރުކޮށްދޭ"


  • ސިންތާގައި ރާއްޖޭގެ ސިފައިންގެ ލަޝްކަރުގެ ކުރިއާއި މިހާރުގެ ތަފާތު ބުނެދީފަވޭ

  • ދަރިވަރުންނާއި، ތާރީހީ ޢިލްމަށް ލޯބިކުރާ ފަރާތްތަކަށް މުހިންމު މައުލޫމާތުތަކެއް ދިން

ދިވެހި ޤައުމިއްޔަތުގެ އިސްވާރުން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވަމުންދާ ސިންތާގެ ސަބަބުން، ޤައުމިއްޔަތާއި ތާރީހާއި ގުޅޭގޮތުން މީގެކުރިން ނޭނގޭ ވަރަށް ގިނަ އައު މައުލޫމާތުތައް ޒުވާނުންނާއި ދަރިވަރުންނަށް ފަސޭހައިން ފޯރުކޮށްދެވޭކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި "އަހުލިހަ ނަކަތުގެ ސިންތާ"ގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ވަޒީރު ވިދާޅުވީ މި ހަރަކާތުގެ ސަބަބުން، ދަރިވަރުންނާއި، ތާރީހީ ޢިލްމަށް ލޯބިކުރާ ފަރާތްތަކާއި، މައުލޫމާތު އެއްކުރުމަށް ޝައުގުވެރިވާ މީހުންނަށް އާ ގިނަ މައުލޫމާތުތަކެއް ލިބޭކަމަށެވެ. އަދި ދިރާސާތަކުގެ އަލީގައި، ޤައުމީ އަދި ވަޠަނީ މައުލޫމާތުތައް ސައްހަކަމާއެކު ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަދުގެ ސިންތާއަކީ ވެސް ވަރަށް ފުރިހަމަ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބުނު ސިންތާއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ސިންތާތަކުގެ ބޭނުން ދިރާސާކުރާ ފަރާތްތަކުންވެސް ވީހާވެސް ބޮޑަށް ހިފުން" ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

މި ސިންތާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންވާ އިސްވާރެއްކަމަށްވާ ކަށިމާ އަޙުމަދު ޝާކިރު ވިދާޅުވީ، އާއްމުންގެ ފަރާތުން މި ހަރަކާތަށް ވަރަށް ރަނގަޅު ތަރުޚީބެއް ލިބޭކަމަށެވެ. ސަބަބަކީ މިއީ އާއްމުންނަށް ތަރިކައާއި، ބަހާއި، ޤައުމިއްޔަތާއި ގުޅުންހުރި މައުލޫމާތުތައް އެ ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ފަންނުވެރިން މެދުވެރިކޮށް ފޯރުކޮށްދޭ ހަރަކާތަކަށްވުންކަމަށް ޝާކިރު ވިދާޅުވިއެވެ.

"ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް މި ފޯރުކޮށްދެނީ. ކޮންމެ ނަކަތައަކާއި ދިމާކޮށް ސިންތާތައް ގެންނަން އެބަ މަސައްކަތްކުރަން." އަޙުމަދު ޝާކިރު ވިދާޅުވިއެވެ.

މިއަދުގެ ސިންތާ ހުށަހަޅައިދެއްވީ އެމްއެންޑީއެފް ކޮމާންޑް ސަރޖަންޓް މޭޖަރ، އަބްދުﷲ ސައީދުއެވެ. އޭނާ ހުށަހަޅުއްވައިދެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ގުޅޭ ދިރާސާއެކެވެ. މި ދިރާސާގައި ބަލާލާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގެ ތަބީއީ ދިފާއީ ނިޒާމާއި، އެ ނިޒާމް ބަދަލުވަމުން އައި ގޮތް ހިމެނެއެވެ. އަދި ރާއްޖޭގެ މިނިވަންކަން އެކިފަހަރު މަތިން ގެއްލުނު ގޮތަށް އަސްކަރީ ނަޒަރަކުން ބަލާލާފައިވެއެވެ. ހަމައެހެންމެ ރާއްޖޭގެ ލަޝްކަރު ކުރިއާއި މިހާރު އޮތްގޮތުގެ ތަފާތުތައް އެ ދިރާސާގައި ހިއްސާކުރައްވާފައިވެއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވާރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު ބައެކެވެ. އިސްވާރުން ކުރިއަށްގެންދާ ސިންތާތަކުގެ ބޭނުމަކީ ޤައުމިއްޔަތާއި، ތާރީޚުގެ ސައްޙަ މައުލޫމާތު އާއްމުންނަށް ޝައުގުވެރިގޮތެއްގައި ފޯރުކޮށްދިނުމެވެ.