ކުޅިވަރު

ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކްލޮޕް ފާޑު ކިޔައިފި


ގާތްގާތުގައި ތިން މެޗެއް ކުޅެން ޖެހުމުން އިނގިރޭސި ފުޓްބޯޅަ ކަލަންޑަރަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ފާޑު ކިޔައިފި އެވެ.

ކޮންމެ އަހަރެއްގެ އާ އަހަރާ ދިމާކޮށް އިނގިރޭސިވިލާތުގައި ގިނަ މެޗުތަކެއް ކުޅެ އެވެ. މި ގޮތުން 26 ޑިސެމްބަރުން ފެށިގެން ޖެނުއަރީ 3 އާ ހަމައަށް ތިން މެޗު ކުޅެ އެވެ. އާ އަހަރާ ދިމާކޮށް ސްޕޭނާއި ޖަރުމަނު އަދި ފްރާންސާއި އިޓާލީގެ ލީގުވަނީ މެދުކަނޑާލައިފަ އެވެ.

"ޕްރެމިއާ ލީގުގެ މެޗެއް ކާމިޔާބުކުރަން އިއްޔެ ކުޅުންތެރިން މިވަނީ 13 ކިލޯ މީޓަރު ދުވެފައި. ދެން އަހަންނަކަށް ނުބުނެވޭނެ މާދަމާ 11 ކިލޯ މީޓަރު ދުވަން އެމީހުން ގާތުގައި ބުނަން. މާގިނައިން ފުޓްބޯޅަ ކުޅުމަކީ (ސަޕޯޓަރުންނާ ދެމެދު) އޮންނަ ގުޅުމަށް އަސަރުކުރާ ކަމެއް. އަހަރުމެން މިއުޅެނީ ފުޓްބޯޅަ ވިއްކަން. މިހެންވާއިރު ކޮލިޓީ ފުޓްބޯޅަ ދައްކަންޖެހޭ. ކުއަންޓިޓީއެއްނޫން އެއްޗަކީ،" 13 ޕޮއިންޓްގެ ލީޑަކާއެކު އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލުން ވާވަދެރި އެވަޓަންއާ ދެކޮޅަށް އެފްއޭކަޕުގައި ކުޅެން ނުކުންނައިރު ޓީމުގައި ކީޕަރުން ނުލައި ފިޓްކޮށްތިބީ 13 ކުޅުންތެރިންނާއި މުޅިން އަލަށް ޓީމާ ގުޅުނު ޖަޕާނުގެ މިޑްފީލްޑަރު ކަމަށެވެ. މިހެންވެ ޓީމަށް ގިނަ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.

"އެއް މަގާމަށް ކުޅެ ދެ ކުޅުންތެރިން ޓީމުގައި މިވަގުތަކު ނެތް. މިހެންވެ ބައެއް ކުޅުންތެރިން ކުރިން ނުކުޅޭ މަގާމުތަކަށް ވެސް ކުޅުވަން ޖެހިދާނެ. އަހަރެން ކުޅުންތެރިންނާމެދު ފަހުރުވެރިވަން އެމީހުން ފޫހިކަމެއްނެތި ކޮންމެ ތިން ދުވަހަކުން މެޗަކަށް ތައްޔާރުވަމުން އަންނާތީވެ،" ކްލޮޕް ބުންޏެވެ.