ޚަބަރު

މާލެ "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ ޢަމަލީ މަސައްކަތް މިމަހު ފަށަނީ


މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް މަގުތަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ، "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ އަމަލީ މަސައްކަތް މިމަހު ފަށާނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވާއިރު، މާލޭ މަގުތަކުގެ ޙާލަތު ދަށްވެ ބޮޑެތި އުނދަގޫތަކާއި އާންމުންދަނީ ކުރަމަތިލަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވަނީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ ވުޒާރާތަކަކާއި، މުއައްސަސާތަކާއި ކުންފުނިތަކާއެކުވަނީ މަޝްވަރާކޮށްފައެވެ.
މިމަޝްވަރާތަކުގެ އަލީގައި މިމައްސަލަ ހައްލުކޮށް މާލޭ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަށް "ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް" ޑިޒައިނެއްވަނީ އެކުލަވާލާފައެވެ. އަދި މިޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހު ފަށާނެކަމަށް ޝަމާއު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފަށާނީ މާފަންނު ވެސްޓް ޕާކުން ފެށިގެން ކަނބާއައިސަރަނި ހިނގުމާއި ހަމައަށްކަމަށް ޝަމާއު ވިދާޅުވިއެވެ. ހަތަރު މަރުޙަލާއަށް ބަހާލައިގެން 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މާލޭ މަގުމަތި އަލުން ރިސްޓްރަކްޗަރ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މަގުތަކުގެ އަޑީގައި ފަޔަރ ހައިޓްރެންޓް ސިސްޓަމްތައް ހަރުކުރުމަށް ނިންމާފައިވާއިރު، މަގުތަކުގެ މަތީގައި ފަސޭހައިން ހިނގޭނެ އިންތިޒާމާއި، ގަސްތައް އިންދޭނެ އިންތިޒާމީ ޑިޒައިންތަކެއް މިހާރު ހަދާފައިވާކަން ޝަމާއު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްގެ ދަށުން މާލޭ މަގުތަކުގެ އަޑިއާއި މަގުމަތި އަލުން ރިސްޓްރަކްޗަރ ކުރުމަށް ވަނީ ނިންމާފަ. އެގޮތުން މަގުތަކުގެ އަޑީގައި ފަޔަރ ހައިޓްރެންޓް ސިސްޓަމްތައް ހަރުކުރުމަށް ނިންމާފައިވާއިރު، މަގުތަކުގެ މަތީގައި ފަސޭހައިން ހިނގޭނެ އިންތިޒާމާއި، ގަސްތައް އިންދޭނެ އިންތިޒާމީ ޑިޒައިންތަކެއް މިހާރު ވަނީ ހަދާފައި." ޝަމާއު ވިދާޅުވިއެވެ.

މަގުތައް ދޭތެރެދޭތެރެއިން ކޮންނަން ޖެހުމުގެ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ހައްލު ލިބި ޑީވޯޓަރިން ހޮޅިތަކުންވެސް މިންޖުވާނެކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުވަނީ ވިދާޅުވެފައެވެ. މި މަސައްކަތަށް ޚަރަދުކުރާނީ ލާމަރުކަޒީ ނިޒާމުން ކައުންސިލަށް ލިބޭ އާމްދަނީންކަން ޝަމާއު ފާހަގަކުރެއްވިއެވެ.

"މާލޭ މަގުތައް އަލުން ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މި މަގުތަކުގައި އަލުން ތަރައްޤީކުރާއިރު ގާކަމެއް ތާރުކަމެއް އަދި ނުނިންމަން. މި މަސައްކަތް ކުރުމަށް 3 އަހަރަށް ބަހާލާއިރު، 4 މަރުހަލާއަކަށް މަސައްކަތް ބަހާލާފައިވަނީ. މިކަމުގެ ތަފްސީލު ކުރިއަށް އޮތްތަނުގައި ހާމަކުރާނަން." ޝަމާއު ވިދާޅުވިއެވެ.

"ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް"ގެ އަމަލީ މަސައްކަތް މިމަހު ފަށަން ނިންމާފައިވާއިރު، މާލޭ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނިމިގެންދިޔަ ސަރުކާރުގައި މަޖީދީމަގު ވަނީ ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް ފަޔަރ ހައިޑްރެންޓް ސިސްޓަމާއި، ފެން ހިންދޭނެ ނިޒާމުތަކާއެކު ތަރައްޤީކުރި މި މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަނީ ހައްލެއް ނުލިބިފައެވެ. މަޖީދީ މަގުގައި ހުރި ސިސްޓަމްތައް އެއްކޮށް އިންސްޓޯލްކޮށްފައިނުވުމުން މިދިަޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ. މި ސިސްޓަމްތަކުގެ އިންސްޓޮލޭޝަންގެ މަސައްކަތް ފުރިހަމަކުރުމަށް ޑިފެންސް މިނިސްޓްރީން މިހާރު ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.