ޚަބަރު

ލޮލުގެ ބަލިތަަކަށް ޚާއްސަ ސެންޓަރުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ފަރުވާ ދިނުމުގެ ޕްލޭންތަކެއް


ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރުގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ފަރުވާ ދިނުމަށް ވިސްނާފައިވާކަމަށް މި ސެންޓަރު ހިންގާ ޓީމްގެ ލީޑް ޑރ. ޗެން ވެއިރޮންގް ވިދާޅުވެއްޖެއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މި މަހު ހުޅުވާ މިސެންޓަރާއެކު ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގެ ކޭމްޕެއް ބާއްވަން ވަނީ ނިންމާފައެވެ.

ޗައިނާއިން ރާއްޖޭގައި ހިންގާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޮންގް ވަނީ އާންމުން ސަފީރާއި ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ޓުވިޓަރ މެދުވެރިކޮށް ޖަވާބުދެއްވަމުން ސަފީރު ވަނީ މި ސެންޓަރު ހިންގުމާއި ހަވާލުވި ޓީމުގެ ލީޑް ޑރ. ޗެން ވެއިރޮންގް ތަޢާރަފްކޮށްފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކުރާ މި ސެންޓަރަކީ ރާއްޖޭގައި މިފަދަ ބަލިތަކަށް ޚާއްސަކޮށްގެން ފަރުވާދޭ ފުރަތަަމަ ސެންޓަރެވެ. މި ސެންޓަރުން އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންވަނީ ނިންމާފައެވެ. އެގޮތުން ޒޮންގްޝަން އައި ސެންޓަރުގެ ތަޖުރިބާކާރުންގެ ޓީމެއް ހަރަކާތްތެރިވާ މި ސެންޓަރުގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ފަރުވާ ދިނުމަށް ވިސްނާފައިވާކަމަށް ޗައިނާ ސަފީރު ހާމަކުރެއްވިއެވެ. ޗައިނާ ސަފީރުވަނީ މި ސެންޓަރަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. މި ސެންޓަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީއާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރުގައި ފަރުވާދޭނެ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސަރޖަރީސް، ކޮންޖަންކްޓިވަލް ފްލެޕް ޓްރާންސްޕްލާންޓް އަދި ލޮލުގެ ރެޓީނާގެ ބަލިތައް ހިމެނެއެވެ.