ޚަބަރު

ޔޫސުފް ނާފިޒް - ރަން ރިހީގެ މަސައްކަތް އާލާކުރުމަށް ނުގުޑާ އަޒުމެއްގައި


އިމްޕޯޓްކޮށްފައި ހުންނަ ފަށެއް ނުވަތަ އަނގޮޓިއަކާއި އެއް ފެންވަރެއްގައި އެ ތަކެތި ހެދުމަކީ ދ. ރިނބުދޫއަށް އުފަން ޔޫސުފް ނާފިޒަށް ފެން ފަދަކަމެކެވެ. އެގޮތުން އޭނާގެ އަތްތެރި މަސައްކަތްތެރިކަމުގެ ހުނަރުން ތަފާތެއް ނުފެންނަ ގޮތަށް ގަހަނާ މަރާމާތު ކުރުމުގައިވެސް، ނާފިޒްއަކީ ހުނަރުވެރި ދަރިއެކެވެ. ތިލޭރުކަން ކުރުމަކީ ވަރަށް ފަރުވާތެރިވެގެން މެނުވީ ރަނގަޅަށް ނުކުރެވޭ މަސައްކަތެކެވެ. އަދި އެ މަސައްކަތަށް ބޭނުންކުރަނީ ވަރަށް ޚާއްސަ އާލާތެވެ.

ނާފިޒް މިމަސައްކަތް ދަސްކުރީ އޭނާ ކުޑައިރު އޭނާގެ ގޭގައި މި މަސައްކަތް ކުރާތަން ފެނި މިކަމަށް ޝައުގުވެރިކަން އުފެދުމުންކަމަށެވެ. އެގޮތުން ކުޑައިރު ކޮންމެ ދުވަހަކު ގޭގައި ހަތަރު ފަސް މީހުން މި މަސައްކަތުގައި މަޝްޢޫލުވެ އުޅޭ މަންޒަރު ފެނި މި މަސައްކަތް ދަސްކުރުމަށްފަހު، މާލޭ ޝާހީ އާއިލާތަކާއި، އިސް ބޭފުޅުންނަށް ގަހަނާ ހަދައިދިނުމަށް މާލެ ދިޔައީކަމަށް ނާފިޒް ބުންޏެވެ.

ނާފިޒްމެން ކުޑައިރު މި މަސައްކަތަށް ޒުވާނުންނާއި ކުޑަކުދިން ގަޔާވިކަމުގައިވިޔަސް މިހާރު މިކަމާ ޒުވާނުން އެހާބޮޑަށް ގަޔާނުވާކަން އޭނާ ފާހަގަކުރިއެވެ. ސަބަބެއްކަމަށް ނާފިޒް ފާހަގަކުރީ ޒަމާނަށް އައި ބަދަލާއި އެއްވަރަށް މި މަސައްކަތުގައި ބޭނުންކުރާ އުކުޅުތަށް ކުރިއަރާ ނުދިއުމެވެ.

ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި މި މަސައްކަތް ކުރުމަށްފަހު 2010 ވަނަ އަހަރު އުފަން ރަށަށް އެނބުރި ގޮސް މި މަސައްކަތް ފުޅާކުރުމަށް ނާފިޒް މަސައްކަތް ފެށިއެވެ. އެގޮތުން ރަށު ކައުންސިލްގެ އެހީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ރަށުގައި މި މަސައްކަތް ދިރުވާ އާލާކުރުމުގެ މަސައްކަތް ނާފިޒް ފެށިއެވެ.

ދ. ރިނބުދޫ ކައުންސިލްގައި މަސައްކަތްކުރަމުންވެސް މި މަސައްކަތަށް މިހާރުވެސް ވަގުތު ހުސްކުރާ ނާފިޒް ބުނިގޮތުން މި މަސައްކަތަށް ދިމާވެފައިވާ އަނެއް މައްސަލައަކީ މި މަސައްކަތަށް އެކަށޭނަ މާކެޓެއް ނުލިބުމެވެ. އެގޮތުން ދިވެހި މަސައްކަތްތެރިންގެ މަސައްކަތް އިޝްތިހާރުކުރުމަށް ގެސްޓް ޝޮޕްތަކުން އެއްބާރުލުން ދިނުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން އިމްޕޯޓްކުރާ "ސޮވެނިއަރސް"ގެ ބަދަލުގައި ދިވެހިންގެ މަސައްކަތްތެރިކަމަށް އިސްކަން ދިނުމަށް އޭނާ ގޮވާލިއެވެ.

"އެންމެ ބޮޑު މައްސަލައަކީ މަސައްކަތަށް އެކަށޭނަ މާކެޓެއް ނުލިބުން. އެގޮތުން ގެސްޓް ޝޮޕްތަކުންވެސް ބޭރުން މި ސޮވެނިއަރސް ހަދަނީ. މި މައްސަލަ ހައްލުކުރަން މިހާރު 10 ވަރަކަށް ރިސޯޓާއި ވާހަކަދައްކައިގެން އަޅުގަނޑުމެންގެ އުފެއްދުންތަށް ޑިސްޕްލޭކުރަން ރާވާފައިވަނީ." ނާފިޒް ބުންޏެވެ.

ރަން ރިހީގެ މަސައްކަތުގައި ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ނާފިޒް ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ވަނީ މި މަސައްކަތުން ރިހި ފަށެއް ތައްޔާރުކުރާނެގޮތް ހިއްސާކޮށްފައެވެ. އެގޮތުން ރިހި ވިރުވާ، ނަރަށް ދެމުމަށް ފަހު ގަތަން ބޭނުންވާ ސައިޒަށް އޮޅާ ކޮންމެ ބޮޅެއް ވަކިވަކިން ބެއްދުމުގައި ގެންގުޅޭ އުކުޅުތަށް އޭނާ ހިއްސާކުރިއެވެ.