ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގައި ގިނައީ އަންހެނުން، އެކަމަކު އާމްދަނީ ކުޑަ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފިރިހެނުންނަށްވުރެ އަންހެނުން ގިނަނަމަވެސް، މިދާއިރާއިން އަންހެނުންނަށް ލިބޭ އާމްދަނީ ފިރިހެނުންނަށްވުރެ 14.7 އިންސައްތަ ކުޑަކަމަށް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން، ޑަބްލިއުޓީއޯގެ ރިޕޯޓަކުން ދައްކައިފިއެވެ.

ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯއިން ލޯންޗްކޮށްފައިވާ "ގްލޯބަލް ރިޕޯޓް އޮން ވިމެން އިން ޓުއަރިޒަމް" އިން ދައްކާގޮތުން ބައިނަލްއަޤްވާމީ ގޮތުން ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު އުޅެނީ ފިރިހެނުންނަށް 54 އިންސައްތަ މަތީގައެވެ.

މިރިޕޯޓުގައި ވާގޮތުން ތަރައްޤީވަމުންދާ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާލާއިރު، މިދާއިރާވެފައި ވަނީ އަންހެނުން ތަރައްޤީވެ، ބާރުވެރިވުމަށް ފުރުސަތު ފަހިކޮށްދޭ ދާއިރާއެއްގެ ގޮތުގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު 54 އިންސައްތައިގައި އުޅޭއިރު އެހެން ދާއިރާތަކާ އަޅާ ކިޔާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު މުސާރައިގެ ފަރަގު ކުޑައެވެ. ނަމަވެސް މިދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ލިބޭ އާމްދަނީ ފިރިހެހުންނަށްވުރެ 14.7 އިންސައްތަ ދަށްކަމަށް ރިޕޯޓުން ދައްކައެވެ. އަނެއްކޮޅުން އެހެން ދާއިރާތަކަށްވުރެ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ލީޑަރޝިޕް ރޯލްތައް ލިބޭ މިންވަރު އިތުރުކަމަށްވެސް މިރިޕޯޓުން ދައްކައެވެ. އަދި އެކި ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ މުޢައްސަސާތައް ހިންގުމުގައިވެސް އަންހެނުންގެ ދައުރު ބޮޑެވެ. މިގޮތުން ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ މިނިސްޓަރުންގެ 23 އިންސައްތައަކީ އަންހެނުންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން ޢާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ހޯދާ ކުރިއެރުމުގައި ޓެކްނޮލޮޖީއާއި، ޓްރެއިނިންގ ބޮޑު ދައުރެއް އަދާކުރެއެވެ. އެހެން ދާއިރާތަކާ ހިލާފަށް ފަތުރުވެރިކަމުގެ ދާއިރާގެ ޕޮލިސީތައް ތައްޔާރުކުރާ ފަރާތްތަކުންވެސް މިދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަކަން އެނގިފައިވާކަމަށްވެސް މިރިޕޯޓުގައިވެއެވެ.

ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން ފުރަތަމަ ފަހަރަށް ގްލޯބަލް ރިޕޯޓް އޮން ވިމެން އިން ޓުއަރިޒަމް ރިޕޯޓު ނެރެފައިވަނީ 2010 ވަނަ އަހަރުއެވެ. އެންމެފަހުން ނެރެފައިވާ ރިޕޯޓަކީ 2010 ވަނަ އަހަރުގެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަން ދިރާސާކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓެކެވެ.