ޚަބަރު

މެލޭޝިއާގެ އުސް ޢިމާރާތަކުން ވެއްޓި ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެ


މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ އުސް ޢިމާރާތަކުން ވެއްޓި ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
އުސް ޢިމާރާތަކުން ވެއްޓި ނިޔާވެފައިވަނީ ޢުމުން ތިން އަހަރުގެ ފިރިހެންކުއްޖެކެވެ. އެކުއްޖާއަކީ އާއިލާ އާއި އެކު މެލޭޝިއާގައި ދިރިއުޅެމުން އައި ކުއްޖެކެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވީ، މަރުވި ކުޑަކުއްޖާގެ އާއިލާއަށް އެމިނިސްޓްރީން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އެނގިފައިވާގޮތުން މެލޭޝިއާގެ ފުލުހުން އަންނަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި އިތުރަށް ތަޙުޤީޤްކުރަމުންނެވެ.

އުސް ޢިމާރާތުން އެކުއްޖާ ވެއްޓެން ދިމާވީ ކީއްވެކަން އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ. މެލޭޝިއާއަކީ އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ވަޒަންވެރިވެ ދިރިއުޅެމުން އަންނަ ޤައުމެކެވެ. އަދި ޗުއްޓީއަށްވެސް ގިނަ ޢަދަދެއްގެ ދިވެހިން މެލޭޝިއާއަށް ގޮސްއުޅެއެވެ.