ވިޔަފާރި

ޕީކް ސީޒަނާއެކު ސަފާރީތައް ފުރިއްޖެ


ފަތުރުވެރިކަމުގެ ޕީކް ސީޒަނާއެކު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ރާއްޖޭގައި އޮޕަރޭޓްކުރާ ސަފާރީތަކަށްވެސް ވަނީ ބާރުބޮޑުވެފައެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއްވާ ގޮތުގައި މިދުވަސްވަރު ސާފާރީތަކުގެ އޮކިއުޕަންސީ އުޅެނީ 90 އިންސައްތައަށްވުރެ މަތީގައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ކުރިން ހަމައެކަނި ރިސޯޓްތަކަށް ދިޔަނަމަވެސް މިހާރު ފަތުރުވެރިކަން ފުޅާވެ ސަފާރީތަކަށާއި ގެސްޓްހައުސްތަކަށްދާ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ. އެއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރު ފެށިގެން ކުރިއަށްދާއިރު ސަފާރީތައްވެސް މިވަނީ ފުރިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަނުން ވިދާޅުވީ، ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ސަފާރީތަކަށްވެސް ބާރުބޮޑުވެފައިވާކަމަށެވެ. އަދި ސެޕްޓެމްބަރ މަހުން ފެށިގެން ފެބްރުއަރީ މަހާއި ހަމައަށް ސަފާރީތަކަށް ބާރުބޮޑުކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއެވެ. އާންމުގޮތެއްގައި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަނީ ޑައިވްކުރުމާއި، މަސްބޭނުމާއި، ކުރޫޒިން ފަދަ ހަރަކާތްތަކަށް ޝައުޤުވެރިވާ ފަތުރުވެރިންނެވެ. އާންމުގޮތެއްގައި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ހޭދަކުރަނީ 7 ދުވަހާއި 10 ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގައި މިވަގުތު 154 ސަފާރީ ރަޖިސްޓްރީކޮށްފައިވާއިރު މި ދާއިރާގެ ފަރާތްތަކުގެ ޝަކުވާތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ސަފާރީތައް އެންމެ އެދެވޭގޮތުގައި އިޝްތިހާރު ނުކުރެވުމާއި، ސަފާރީތައް އަޅާނެ ފަޅެއް ނެތުން ހިމެނެއެވެ.

ސަފާރީތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މާލެ އަތޮޅު ދިޔަނެރު ފަޅާ ޖެހިގެން އޮތް "ދިޔަނެރު 2" ފަޅު ސަފާރީތައް ބަނދަރުކުރުމަށް މިއަހަރު ތަރައްޤީކުރާނެކަން އިޢުލާން ކުރައްވާފައެވެ.