ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ!


ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މި އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދާވާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްކަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަަށް މެޓުން ލަފާކުރެއެވެ.

މިވަގުތުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށެވެ. މި ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ގިނަ ޢަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރަށް ނުކުންނައިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.