ޚަބަރު

ލޯންޗު އެކްސިޑެންޓް: ނަސްރުﷲ ހޯދުމަށް ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަނީ


ބުރާސްފަތި ދުވަހުގެ ރޭ ބ ދޮންފަނާއި ބ ހަނިފަރާއި ދެމެދުން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ކަނޑަށް ގެއްލުނު ބ އޭދަފުށީ މުޝްތަރީގޭ، ނަސްރުއްﷲ އަބުދުﷲ (41އ) ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކޯސްޓްގާޑު ޑައިވަރުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދާއިރު މިހާތަނަށް އޭނާގެ ޚަބަރެއް ވެފައި ނުވާކަމުގައި ސަލާމަތީ ޚިދުމަތްތަކުން ބުނެފިއެވެ.

ބ ދަރަވަންދޫގައި މިވަގުތު ހުރި ޕީއެސްއެމްގެ ޖާނަލިސްޓް މައުލޫމާތު ދިން ގޮތުގައި، ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވަރުން ނަސްރުއްﷲ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވަނީ އޭނާ ގެންގުޅުނު ނަނު ފަދަ އާލާތްތަކާއި، އަޑިޔަށް ދިޔަ ޑިންގީވެސް ފެނިފައެވެ. ޑިންގީގެ ފަހަތްކޮޅު އަޑިޔަށް ގޮސްފައި ވާއިރު، އެސަރަހައްދުން ނަސްރުﷲ ފެނޭތޯ، ކޯސްޓް ގާޑުގެ ޑައިވަރުންވެސް ދަނީ ފީނަމުންނެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިރުއޮއްސި 19:07 ހާއިރުގައި ކަަމަށް ފުލުހުން ވިދާޅުވެއެވެ.

ހާދިސާ އާއި ގުޅޭ ގޮތުން ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެމީހުންނާއި ހަވާލާދީ، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ، ޑިންގީގައި ލޯންޗު އައިސްޖެހުނީ ފަހަތުން ކަމަށެވެ. އަދި ޑިންގީގައި އެމީހުން ނުކުމެ އުޅުނީ މަސްވެރިކަން ކުރަން ކަމަށާއި، އެކްސިޑެންޓް ހިނގީ ރަށަށް އެނބުރި އަންނަނިކޮށް ކަމަށެވެ.

މިހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެމީހުންނަށް ދަރަވަންދޫ ސިއްޙީމަރުކަޒުގައި ވަނީ ފަރުވާދީފައެވެ.

އެކްސިޑެންޓްވި އޭދަފުށީ ފެރީ ލޯންޗަކީ، ބ ކަމަދޫއިން ފުރައިގެން ދަރަވަންދޫއަށް ދަތުރުކުރި ލޯންޗެކެވެ.