ކުޅިވަރު

އައްޑޫ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ފޭދޫ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފޭދޫ ސްޕޯޓްސް ސެމީ ފައިނަލަށް ދަތުރުކުރީ 3-4 ގެ ނަތީޖާއަކުން ޒެފިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަކުޅުމެކެވެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޒެފިއާއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިމްޝާލްއެވެ. މި ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ފޭދޫ ސްޕޯޓްސް އިންވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ އަލީ ލިރުއާމެވެ. ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު ވަނީ އިތުރު ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިހާފުގައި ފޭދޫ ޓީމުގެ ކީޕަރު ކުރި ފައުލް އަކާއި ގުޅިގެން އޭނާ އަށްވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމުނީ 1-3ގެ ނަތީޖާ އަކުންނެވެ.

މިމެޗުގެ ދެވަނަ ހާފު ފެށިގެން ދެޓީމުން ވެސް އިތުރު ލަނޑުތަކެއް ޖެހުމަށް މަސައްކަތްކުރިއެވެ. އެގޮތުން ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، ޒެފިއާގެ މުހައްމަދު އިމްޝާލް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޒެފިއާ ޓީމުގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒައްމަތު ބުޝްރީއެވެ.

މެޗަށް ފަހު ފޭދޫ ސްޕޯޓްސްގެ އެސިސްޓެންޓް މެނޭޖާރ އަލީ ޝިނާޒް ބުނީ، އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗުގެ ކުރީކޮޅު ކީޕަރއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި މައްސަލަކަމަށެވެ.. އެގޮތުން ފަރަޤު ބޮޑު ލީޑެއް ނުހިފެހެއްޓި ދިއުން އޭނާ ފާހަގަ ކުރިއެވެ. ޝިނާޒު ބުނީ، ސެމީ ފައިނަލަށް ނިކުންނާކީ ދެވަނަ ކީޕަރާއެކު ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

މިމެޗާއި ގުޅޭ ގޮތުން ޒެފިއާ ޓިމުން އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ. މިމެޗާއި އެކު ޒެފިއާ ޓީމަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވީއެވެ. ފޭދޫ ސްޕޯޓްސް 9 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނައިގައި އޮތް އިރު، ދެން ބައްދަލު ކުރާނީ ކްލަބު ރިވެރިންގް އާއިއެވެ.