ބ ދޮންފަނު ކައިރިން އޭދަފުށީ ލޯންޗު ފެރީ އަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ގެއްލިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭގެ އިރުއޮއްސި 19:07 ހާއިރުގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ބ އޭދަފުށީ ފެރީ ލޯންޗު ދަތުރު ކުރީ ބ ދަރަވަންދޫއިން ފުރައިގެން ކަމަށެވެ. އަދި އެކްސިޑެންޓްވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށާއި، އެ ޑިންގީގައި ތިބި މީހުންގެ ތެރެއިން 3 މީހުން ފެރީލޯންޗަށް ނަގާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ފިރިހެނެއް ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ލޯންޗެއްގެ އިތުރުން އާއްމުންގެ އުޅަނދު ފަހަރުންވެސް ބައިވެރިވެ މަސައްކަތް ކުރަމުންދާކަމަށެވެ،
މިހާދިސާގައި އެންމެ ފުރަތަމަ މައުލޫމާތު ލިބުނީ އެކްސިޑެންޓްވީ ދޯންޏަކާއި ޑިންގީއެއް ޖެހިގެން ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.