ތަރައްްޤީ

މިއަހަރުގެ ތެރޭގައި 4 އެއަރޕޯޓެއް ހުޅުވޭނެ - މިނިސްޓަރ ނަހުލާ


މިއަހަރުގެ ތެރޭ 4 އެއަރޕޯޓެއްގެ މަސައްކަތް ނިންމާ، ހުޅުވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައިވެސް އިތުރު އެއަރޕޯޓުތަކެއް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ށ. ފުނަދޫ އެއަރޕޯޓް މިމަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އަދި ގދ.މާވާރުލު އެއަރޕޯޓު މިއަހަރުގެ މާރޗްމަހު، ޅ. މަޑިވަރު އެއަރޕޯޓު މިއަހަރުގެ އޭޕްރީލްމަހު އަދި ހއ.ހޯރަފުށި އެއަރޕޯޓް މިއަހަރުގެ އޯގަސްޓްމަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، މިނިސްޓްރީގެ މެންޑޭޓަށް އައި ބަދަލާގުޅިގެން ގދ. ފަރެސްމާތޮޑާ އެއަރޕޯޓުގެ ރަންވޭ ކޮމްޕޯނަންޓް ކުރިއަށްގެންދަނީ މިހާރު ޕްލޭނިންގ މިނިސްޓްރީން ކަމަށާއި، ފަރެސްމާތޮޑާ އެއަރޕޯޓުވެސް މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތަށް ނިންމާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އައު އެއަރޕޯޓުތަކެއް ހުޅުވުމުގެ އިތުރުން، މިހާރު ޚިދުމަތް ދެމުންދާ އެއަރޕޯޓުތަކުގެ ފެންވަރު މަތިކޮށް ވަސީލަތްތައް އިތުރުކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރައްވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ކުޅުދުއްފުށީ ސިޓީގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓަކީ މިނިސްޓްރީން އެންމެ ބޭނުންވާ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނެއްނޫންކަން ފާހަގަކުރައްވާ، އެތަން އިތުރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އަޕްގްރޭޑްކުރުމުގެ މަސައްކަވެސް މިއަހަރުގެ ތެރޭގައި ކުރައްވާނެކަން އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، އެއަރޕޯޓުތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުން ތަމްރީންކުރުމުގައިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެންމެ ބޭނުންވާ މުއްދަތަށް އެއަރޕޯޓުތައް ނުހުޅުވި ލަސްވަނީވެސް އެ ސަބަބަށްޓަކާކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓް ތެރޭގައި އެއަރޕޯޓަށް ދެވޭނެ ފަދަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިއަހަރު އަލަށް ހުޅުވޭ އެއަރޕޯޓުތަކާއެކު ސަރުކާރުގެ މި ސިޔާސަތު ތަންފީޒުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވދާޅުވެފައިވެއެވެ.