ޚަބަރު

އެސްޓީއޯއިން ދެނީ ރައިސް ޞާލިޙުގެ "ގިފްޓް ޕެކް"އެއް ނޫން!


އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް "ގިފްޓް ޕެކް"އެއް ދެއްވުމަށް ރައިސް ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމުގެ މަސައްކަތް ކުރިއަށްދާކަމަށާ، އެސްޓީއޯގެ ފަރާތުން މިހާރު ދޭ "ގިފްޓް ޕެކް"އަކީ އެކުންފުނިން ދޭ އެއްޗެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ދެއްވާ "ގިފްޓް ޕެކް"ގެ މަސައްކަތް ކުރައްވަނީ އެންސްޕާގެ ފަރާތުންނެވެ. އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީޙް ވިދާޅުވީ މިކަމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތައް ޑްރާފްޓްކުރުމުގެ މަސައްކަތް މިއަހަރުކުރުމަށް ނިންމާފައިވާކަމަށެވެ.

އައްޒާމް ވިދާޅުވީ ރައިސްގެ ވަޢުދު ފުއްދުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލާ ކެބިނެޓުގެ ރުހުން ހޯދުމުގެ މަސައްކަތް ކުރުމަށް މިއަހަރުތެރޭގައި ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު އޮތް ޓައިމްލައިނާއެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ 2021ވަނަ އަހަރު ޢަމަލީގޮތުން ތަންފީޒުކުރަންފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން ކޮންމެ ކުއްޖަކަށް ތަންމަތި ފޮއްޓެއް ދިނުމަށް ކަނޑައަޅައި 2023ވަނަ އަހަރުގެ ނިޔަލަށް މިކަން ތަންފީޒުކޮށް ނިމޭނެކަމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވަނީ ކަނޑައަޅާފައެވެ.

މިމަސައްކަތްތައް ކުރިއަށް ދަނިކޮށް އެސްޓީއޯއިންވެސްވަނީ މިފަދަ ޕްރޮގްރާމެއް ފަށާފައެވެ. އާއަހަރާއި ގުޅިގެން އެސްޓީއޯއިން ފެށި މިޕްރޮގްރާމްގެ ދަށުން އައިޖީއެމް ހޮސްޕިޓަލުގައި އުފަންވާ ކޮންމެ ކުއްޖަކަށް ޚާއްސަ "ގިފް ވައުޗަރ"އެއް އެސްޓީއޯއިންވަނީ ދޭންފަށާފައެވެ. އެސްޓީއޯގެ މިޕްރޮގްރާމްގައި ކޮންމެ ކުއްޖަކަށް ދިނުމަށް ހަމަޖެހިފައިވަނީ ހަގީސް ގިފްޓް ހެމްޕަރ އެއްކަމަށް އެސްޓީއޯއިންވަނީ މަޢުލޫމާތުދެއްވާފައެވެ.