ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިހުރި އެތައް މައްސަލަތަކަކަށް 2019ވަނަ އަހަރުގެ ތެރޭގައި ހައްލުތަކެއް ހޯދިފައިވާކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ނިމިދިޔަ 2019ވަނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައިހުރި އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކެއް ދެނެގަނެވި އެކަންކަމަށް ހައްލު ހޯދުމަށް ޖެންޑާ މިނިސްޓްރީންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ ކުޑަކުދިންގެ މައްސަލަތަކާއި، އަންހެނުންނަށް ކުރާ އަނިޔާތަކާއި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކަށް ޙައްލު ހޯދިފައިވާކަމަށެވެ.
ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނަކާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނެއް ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާވަނީ ތަސްދީޤު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށްކުރާ އަނިޔާތަކާއި މައްސަލަތައް މިގާނޫނުގެ ދަށުން ބެލުމަށް އެތައްގޮތަކުން ފަސޭހަތަކެއް ލިބިފައިވާކަމަށެވެ.
މީގެ އިތުރުންވެސް އާސަންދައިގެތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭގޮތެއްގައި އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތްތައްވެސް މިނިސްޓްރީން ފަހިކޮށްދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތް ޚާއްސަ ސްކީމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީންވަނީ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެރި މައިންނަށް އެލަވަންސްދޭ ގޮތަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން 3000 ރުފިޔާ ދެމުންދިޔަ ނަމަވެސް މިހާރުވަނީ މީހާގެ ދިރިއުޅުމުގެ ހާލަތަށާއި ކުދިންތިބި އަދަދަށްބަލައި އެކަނިވެރި މަޔަކަށްދެވޭ އެންމެ މަތީ އަދަދަކީ 10000 ރުފިޔާކަމުގައި ކަނޑައަޅާފައެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށްވެސް ޖެންޑާ މިނިސްޓްރީންވަނީ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ރަށެއްގައި ކޮމިއުނިޓީ ރިހިބިލިޓޭޝަންގެ ދަށުން ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކެއްވަނީ އެކުލަވާލާފައެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނިމިދިޔަ އަހަރަކީ ގިނަ މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހެޅި އެކަމުގެ ހައްލުތަކެއް ހޯދިފައިވާ އަހަރެކެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިޖްތިމާއީ ވެއްޓަށް ހެޔޮބަދަލުތަކެއް ގެނެސް ކުޑަކުދިންނާއި، އަންހެނުންނަށް ކުރެވޭ އަނިޔާތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ޝިދާތާ ވަނީ ވިދާޅުވެފައެވެ.