ނިމިދިޔަ އަހަރު ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރަކަށެވެ. މިދިޔަ އަހަރު ފަތުރުވެރިކަމަށް ސަރުކާރުން ކަނޑައެޅީ 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. މި އަމާޒަށް މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ އަހަރު ވާސިލްވެފައިވާއިރު އަހަރު ނިމޭއިރު 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާނެކަމަށް އެމްއެމްޕީއާރުސީން އޮތީ ލަފާކޮށްފައެވެ.
އާ އަހަރު ރާއްޖެ ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިއުމަށް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުޙައްމަދު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.67 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރިކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ އުއްމީދަކީ މިއަހަރުވެސް މާކެޓިންގ މަސައްކަތްތައް ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުންކަމަށް ތައްޔިބް ވިދާޅުވިއެވެ.
"މިދިޔަ އަހަރު 1.5 މިލިއަން ކާމިޔާބު މިކުރެވުނީ 30 ދުވަސް ބާކީވެފައި އޮތްވާ. އިއްޔެއާއި ހަމައަށް އަޅުގަނޑުމެންނަށް 1.67 މިލިއަނާއި ހަމައަށް ދެވިއްޖެ. އެހެންވީމަ ފުދޭވަރަކަށް ރަނގަޅު ކާމިޔާބީއެކޭ ދެންނެވޭނީ. މިއަހަރުވެސް އަޅުގަނޑުމެން އުއްމީދުކުރަނީ މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ލިބޭތޯ" ޡައްޔިބު މުޙައްމަދު ވިދާޅުވިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތަފާސް ހިސާބުތައް ރަނގަޅަށް ބެލުމަށްޓަކައި މިއަދުން ފެށިގެން ކްރޫސްލައިނަރއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ޢަދަދު ހިމެނުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސަފާރީ އިންޑަސްޓްރީއަކީ ޓޫރިޒަމްގެ މުހިއްމު ބައެއްކަމަށާއި މިއަދުން ފެށިގެން ފަތުރުވެރިންގެ ތަފާސްހިސާބުތައް އެކުލަވާލާއިރު މިފަތުރުވެރިން ވެސް ހިމަނާނެކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން މިހާތަނަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ކައުންޓް ކުރުމުގައި ކަނޑުމަގުން އަންނަ ފަތުރުވެރިންނެއް ނުގުނާ. އެހެންނަމަވެސް މިއަދުން ފެށިގެން ސަރުކާރުން ވަނީ ނިންމާފަ ކްރޫސްލައިނަރ ތަކުގައި އަންނަ ފަތުރުވެރިންނާއި އެއްކޮށް ގުނުމަށް. ކުރީގެ ތަފާސްހިސާބުތައް ގެންގުޅުމުގެ ތެރޭގައި ކުރީ ސަރުކާރުތަކުން މިކަން ހިމަނާފައެއްނުވޭ. " މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިއަހަރާއި ކުރިއަށް އޮތް 2021 ވަނަ އަހަރަށް ސަރުކާރުން ފަތުރުވެރިކަމުގައި ކަނޑައަޅާފައިވާ ޓާޖެޓަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.