ވިޔަފާރި

ހޮނޑާފުށިން ކަނޑާލި މުވައްޒަފަށް މިނިސްޓަރުގެ މުސާރައިން އެހީތެރިވަނީ!


މިދިޔަ ހަފްތާގައި ހޮނޑާފުށި ރިސޯޓުން ކަނޑާލި މުވައްޒަފަށް އެހީތެރިވުމުގެ ގޮތުން އަމިއްލަފުޅު މުސާރައިން އެ މުވައްޒަފަށް 3 މަހުގެ މުސާރަ ދޭން ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މިކަން ހާމަކުރެއްވީ ހޮނޑާފުށި ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ސެކިއުރިޓީ އޮފިސަރެއްކަމަށްވާ އަހުމަދު ޝިމްހާޒް ނުހައްޤުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ސޯޝަލް މިޑިއާގައި ޙަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހޮނޑާފުށި ރިސޯޓުން މުވައްޒަފަކު ކަނޑާލި ވާހަކަ އެނގުމާއެކު އެކަން ވަރަށް ގާތުން ބަލާފައިވާކަމަށެވެ. އަދި މިމައްސަލައިގައި ރިސޯޓްގެ މެނޭޖްމަންޓާވެސް ވާހަކަދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބަންދަށްފަހު އަންނަ އާދީއްތަދުވަހު ސަރުކާރު ހުޅުވުމާއެކު ހޮނޑާފުށީ މެނޭޖްމަންޓާއި ބައްދަލުކޮށް މިކަން ހައްލުކޮށްދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ހޮނޑާފުށިން ކަނޑާލި މުވައްޒަފަށް އެހީތެރިވުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން އެމުވައްޒަފަށް 3 މަހުގެ މުސާރަ ދިނުމަށް ނިންމާފައިވާކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"އެބޭފުޅާ އެދުނު ހުރިހާ ކަމެއް އަޅުގަނޑުމެން ވާނީ އަޑުއަހާފަ. އޭނައަށް ލިބުނުކަމަށް އޭނަ ވިދާޅުވަނީ 5001 ރުފިޔާ. އޭނަގެ މަހު މުސާރައެއްކަމަށް ވިދާޅުވީ 4000 ރުފިޔާ. އަޅުގަނޑު ޕާސަނަލީ ޔަޤީންކަން ދިނިން އޭނާގެ 3 މަހުގެ މުސާރައަށް ވާވަރަށް ފައިސާ ދޭނަމޭ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރވިސް ޗާޖުގައި މައްސަލައިގައި އެމަނިކުފާނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ސަރވިސް ދެނީ ރަނގަޅަށް ނޫންކަމަށާއި މިމަހުން ފެށިގެން ސަރވިސް ޗާޖު މަދުން ދޭ ރިސޯޓްތަކަކީ ކޮބައިތޯ ބަލަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ނުދަންނަވަން އަދި ކުރިން ވެސް ނުދަންނަވަން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ސަރވިސް ޗާޖު ދެނީ އެއްވަރަކަށޭ ވެސް އަދި ހުރިހާ ތަނެއްގައި ދެނީ އެންމެ ރަނގަޅަކަށޭވެސް. އަޅުގަނޑު ދެންނެވީ ރާއްޖޭގެ އިންވެސްޓްކޮށްގެން ތިބި ކީ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ ރިސޯޓުތަކުގައި ރަނގަޅު ތަންތަން ރަނގަޅޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިޑީއާގައި ރިޕޯޓުކޮށްފައިވާ ގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރި ހޮނޑައިދުއިން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ފަހުން ދީފައިވަނީ 11 ޑޮލަރެވެ. ރިސޯޓް ވަޒީފާއިން ވަކިކުރުމުން އެމައްސަލަ އެމުވައްޒަފު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށްވެސް ހުށަހަޅާފައެވެ.