ކުޅިވަރު

އައްޑޫ ފުޓްބޯޅަ މުބާރާތް: ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ފޭދޫ ސްޕޯޓްސް ދެވަނަ ބުރަށް


އައްޑޫ ފުޓުބޯޅަ މުބަރާތުގައި، ފޭދޫ ސްޕޯޓްސްއިން އެފްސީ ޒެފިއާ ބަލިކޮށް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

މިމެޗުން ފޭދޫ ސްޕޯޓްސް މޮޅުވީ 1-4 ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި ލީޑު ނެގީ އެފްސީ ޒެފިއާއިންނެވެ. ޒެފިއާއިން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހީމް ހާރިޝް ހުސެއިންއެވެ. މެޗުގެ ކުރީ ކޮޅު ޖެހި މިލަނޑާއި އެކު ފެދޫ ސްޕޯޓްސް އިން އިތުރު ބޯޅަތަކެއް ކުރިއަށް ފޮނުވައިގެން ހަމަލާތަށް ވަރުގަދަ ކުރިއެވެ. މިހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ފޭދޫ ސްޕޯޓްސް ކްލަބުންނެވެ. ފޭދޫ ސްޕޯޓްސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއުއެވެ. މި ލަނޑު ކާމިޔާބުކުރިތާ މިނެޓެއް ނުވަނީސް ފޭދޫ ސްޕޯޓްސްގެ ޢަލީ ލިރުޢާމު ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ ސްޕޯޓްސް ކްލަބުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސާމް ސައީދެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ފޭދޫ ސްޕޯޓްސްއިންނެވެ. މި މެޗުގައި ފޭދޫ ސްޕޯޓްސް ކްލަބުން ޖެހި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ފޭދޫ ސްޕޯޓްސްގެ އެސިސްޓަންޓް މެނޭޖަރ ޢަލީ ޝިނާޒު ބުނީ، ޓީމު ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވި ދިޔައީ، ޓީމު ހަމަކޮށް ވާމް އަޕް ނުޖެއްސި މެޗަށް އަރަން ޖެހުމުން ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ކުޅުންތެރިން ދެއްކިކަން އޭނާ ފާހަގަ ކުރިއެވެ. ޝިނާޒު ބުނީ އެޓީމު ކުރިއަށް ހުރި މެޗުތަކަށް ވެސް ނިކުންނާނީ މޮޅުވާން ކަމަށާއި، ދެވަނަ ބުރު ފަށާނީ މާ ރަނގަޅު ފޯމެއްގައި ކަމަށެވެ.

ޒެފިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ހަބީބް ބުނީ، އެޓީމުގެ ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި، މިހާރު ނަތީޖާ އަށް ވުރެ ބޮޑަށް އެޓީމުގެ ފޯކަސް ހުރީ ރަނގަޅު ކުޅުމެއް ދައްކާ ބައިކޮޅަށް ވަންނަ ގޯލް މަދުކުރުމަށް ކަމަށެވެ.

މިމެޗާއި އެކު މުބާރާތުގެ ފުރަތަމަ ބުރު މިވަނީ ނިމިފައެވެ. ގްރޫޕް ބީގެ އެއްވަނަ ދެމެޗު ކާމިޔާބުކޮށް ފޭދޫ ސްޕޯޓްސް ކަށަވަރުކުރި އިރު، މި ގްރޫޕުގެ ދެވަނައިގައި އޮތީ 3 ޕޮއިންޓާއެކު އެންމެ މެޗަކުން މޮޅުވެގެން ކްލަބު ރިވެރިންއެވެ.

މުބާރާތުގެ ދެވަނަ ބުރުގައިވެސް ކޮންމެ ޓީމެއް އެގްރޫޕުގެ ކޮންމެ ޓީމަކާއި އެކު ކުޅޭނެއެވެ. އަދި ދެވަނަ ބުރު ނިމޭއިރު ގްރޫޕުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.