ޚަބަރު

ގަލެއްގެ ދަށުގައި ފިލައި އޮތްއޮތުން ދޫކޮށް، އަނެއްކާވެސް ދިވެހިންގެ ޙައްޤު މަޤާމު ހޯދައިފި


ދުނިޔޭގެ ސިޔާސީ މަސްރަހުގައި ފިލައިއޮތް އޮތުންދޫކޮށް ފާއިތިވެދިޔަތަނުގައި ޤައުމުތަކާއިއެކު އޮތް އެކުވެރި ގުޅުން 2019ވަނަ އަހަރުގައި ގާއިމުކުރެވިއްޖެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިފެށޭ 2020ވަނަ އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ނިމިގެންމިދާ 2019ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމަށެވެ. ރާއްޖެއަކީ ޒަމާނުއްސުރެ އަވަށްޓެރި ޤައުމުތަކާއި ގާތްގުޅުމެއް ބާއްވައި ހަރުދަނާ ޚާރިޖީ ސިޔާސަތެއް އޮތް ޤައުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ 5 އަހަރުގައި ގުޅުންތައް ހީނަރުވެ ދުނިޔެއާއި ރާއްޖެ އެކަހެރިވުމަކީ ކުރިމަތިވި އެންމެ ބޮޑުގޮންޖެހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ނިމިގެން މިދާ 2019ވަނަ އަހަރުގައި ކުރެވުނު ބުރަ މަސައްކަތުން ރާއްޖެއާއި ދުނިޔޭގެ ގައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިވެ ދުނިޔޭގެ މަސްރަހުގައި ދިވެހިންގެ ޙައްޤު މަޤާމު ހޯދައިދެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލާއޮތްއޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރުވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޙައްޤު މަޤާމު ހޯދާފަ. ޒަމާންވީ ރަޙްމަތްތެރިންނާއި ގުޅުންބަދަހިކޮށް އަތުގުޅާލައި ޤައުމުތަކާއި ގުޅުންގާއިމުކޮށް ދުނިޔޭގެ އިޚްތިރާމާއި ޤަދަރުލިބޭފަދަ ފަޚުރުވެރި ޤައުމަކަށްވެފަ" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

2020ވަނަ އަހަރަކީވެސް މުހިންމު ގިނަ ލަޑުދަނޑިތަކެއް ޚާޞިލްކުރުމަށް އަޒުމް ކަނޑައަޅާފައިވާ އަހަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ދުނިޔޭގެ ކުދި ޖަޒީރާ ޤައުމުތަކުން ވަކާލާތުކުރާ ކަންކަމުގައި އިސްނަގައި އެޤައުމުތަކުގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަޙައްދުގެ ޤައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ޑިމޮކްރަސީ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފެށޭ 2020ވަނަ އަހަރަށް ދިވެހިން މަރުޙަބާ ކިޔަނީ އައު އަޒުމަކާއި އައު ހިތްވަރަކާއިއެކު މުޅިން އައު ހަރުފަތްތަކެއް ޤިރާކުރުމަށް ކަމަރުބަދެގެންކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޚުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި ރާއްޖެއިންވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އައު ފުރުޞަތުތަކެއް ފަހިކޮށް އެފުރުޞަތުތަކުގެ ބޭނުން އެންމެ ފައިދާކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވާލަދިނުން. ނިމިގެން މިދާ އަހަރު ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި ބޭރަށް ދަތުރުކުރާ ދިވެހިންނަށް، ލިބިގެންދިޔަ ލުއިފަސޭހަކަތާއިއެކު މިފެށޭ އަހަރުވެސް އިތުރު ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުން. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއަރުވައި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތައް ކުރުން. އަދި ހަމަ އެހެންމެ ދިވެހި ޚާރިޖިއްޔާއަކީ ހުރިހާ ދިވެހި ރައްޔިތުން ފަހުރުވެރިވާފަދަ ހުނަރުވެރި ޤާބިލު ފޮރިން ސާވިސްއަކަށް ހެދުން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިފެށޭ 2020ވަނަ އަހަރަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި އަމިއްލަ މިނިވަން ޚާރިޖީ ސިޔާތެއް ތަންފީޒު ކުރަންފެށިތާ 55 އަހަރު ފުރޭ ތާރީޚީ އަހަރެވެ.