ޚަބަރު

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަދީފި


މާދަމާއިން ފެށިގެން ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށެވެ.

ލާމަރުކަޒީ ޤާނޫނު ބުނާގޮތުން އާބާދީގައި ދިހަހާސް ހަމަވުމުން އެރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ. ކުޅުދުއްފުށީގައި ދިހަ ހާސް މީހުން ހަމަވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވުމުން ސިޓީ ކައުންސިލެއް އިންތިޚާބުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. ޝަރީފް ވިދާޅުިވީ އިންތިޚާބަށް ތައްޔާރުވުމަށް މިހާތަނަށް ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ގޮންޖެހުމެއް ނެތްކަމަށެވެ.

ފުވައްމުލަކު ސިޓީއާއި ދާދި އެއްގޮތަކަށް ކުޅުދުއްފުށީގެ ދާއިރާތައްވެސް ކަނޑައެޅުމަށް ނިންމާފައިވާކަމަށާ، ކުޅުދުއްފުށި 6 ދާއިރާއަކަށް ބަހާލައިގެން ކައުންސިލަރުންނާއި މޭޔަރެއް އިންތިޚާބުކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ހަތް ކައުންސިލަރުންގެ ތެރެއިން 2 ބޭފުޅުންނަކީ އަންހެން ކައުންސިލަރުންނަށް ވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ދާއިރާތައް ވަރަށް އަވަހަށް އިޢުލާންކުރައްވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މާދަމާއިން ފެށިގެން ޤާނޫނުގައިވާގޮތަށް 6 ދާއިރާއަކަށް ބަހާލާނަން. އެއީ ދިހަ ހާހާއި ތިރީސް ހާހާއި ދެމެދުގެ އާބާދީ އޮންނަކަމަށްވަންޏާ ޤާނޫނުގަ މި ބުނަނީ 7 ކައުންސިލަރުންނޭ. އެއީ އެއް ކައުންސިލަރަކީ މޭޔަރެއް. އެހެންވެއްޖާ މޭޔަރު ހޮވާނީ ސިޓީގައި ހިމެނޭ ހުރިހާ ދާއިރާއަކުން. ކައުންސިލަރުން ހޮވާނީ މުޅު ސިޓީ 6 ދާއިރާއަކަށް ބަހައިގެން. އެހެންވީމަ އެ މަސައްކަތްކުރަން އަޅުގަނޑުމެން ފަށައިފިން." ޝަރީފް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމާއެކު ރާއްޖޭގައި 4 ސިޓީއެއް އޮންނާނެއެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި ފުވައްމުލައްސިޓީއެވެ.