ޚަބަރު

ހެންވޭރު އަލިފާނުގެ ޙާދިސާ - 7 އާއިލާއެއް އަދިވެސް ވަގުތީ ހިޔާގައި!


ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު ހެންވޭރުގައި ހިނގި ބޮޑު އަލީފާނުގެ ޙާދިސާއަކީ މުޅި ދިވެހިރާއްޖެ ސިއްސުވާލި ޙާދިސާއެކެވެ. މި ޙާދިސާގެ އަސަރު އެކި ގޮތްގޮތުން 800އަށްވުރެ ގިނަ މީހުންނަށް ކުރިއެވެ. އެތަށްބައްގެ ދިރިއުޅުން އަލުން ބިނާކުރަން ޖެހުނެވެ. މީގެތެރެއިން 7 އާއިލާ އަދިވެސް އުޅެމުންދަނީ ވަގުތީ ހިޔާގައި ގާކޮށި ފްލެޓްގައެވެ.

7ގެއަކާއި 4ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ޙާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ޙާދިސާއެވެ. މި ޙާދިސާހައި އެކި ވަރުގެ ގެއްލުންވެގެން 800އަށްވުރެ ގިނަ މީހުން އެހީ ހޯދާފައިވެއެވެ. 38އަށްވުރެ ގިނަ އާއިލާ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރިއެވެ. މީގެތެރެއިން 24 އާއިލާއަކީ އަލިފާނުގެ ޙާދިސާގެ އަސަރުކުރި ގެތަކުގައި ކުއްޔަށް ދިރިއުޅެމުންއައި ޢާއިލާތަކެވެ.

އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ، އަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ސަބަބުން އެއްކޮށް ތަޅާލާފައިވާ ހ.ނިގާރަންއާއި ހ.ނެއިިބަރގެއާއި، އަދި ގޭގެ ޢިމާރާތުގެ މަރާމާތުގެ މަސައްކަތް ނުނިމޭތީ ބަދަލުނުވެވި ތިބި 4 ގެއެއްގެ 5 އާއިލާއާއިއެކު ޖުމްލަ 7 އާއިލާއެވެ. މި 7 އާއިލާވެސް ތިބީ ގާކޮށި ފްލެޓްގައެވެ.

މީގެތެރެއިން މަރާމާތަށް ބޭނުންވާ ހ.އިވާއު، ހ.ރަދުވާނިޔާ، ހ.އިރާނުގެ އަދި ހ.އަދޫ މަރާމާތުކޮށްގެން އެގެތަކަށް ދިރިއުޅުން ބަދަލުކުުރުމަށް 5 މަހުގެ މުޙުލަތެއް ދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 5މަސްދުވަހުގެ މުޙުލަތު ހަމަވަންދެން އާއިލާތައް ބެލެހެއްޓުމުގެ ކަންކަން ހަމަޖައްސާނީ ޑިޒާސްޓަރ މެނޭޖްމަންޓުންނެވެ.

މި އާއިލާތައް ވަގުތީ ހިޔާގައި ތިބޭ އެޕަރޓްމަންޓްތަކުގައި ނިދޭނެ ގޮތާއި، ކައްކާ ކެވޭނެގޮތާއި، އައިސް އަލަމާރިއާއި، އަަދި އެއްޗެހި ދޮވެވޭވެގޮތްތައްވެސް ވަނީ ހަމަޖައްސާފައެވެ.

7ގޭގެ ތެރެއިން ބޭނުން ނުުކުރެވޭވަރިވެގެން ތަޅާލި ހ.ނިގާރަން އަދި ހ.ނެއިބަރގޭގެ 2 އާއިލާވެސް ވަކި ގޮތެއް ހަމަޖެހެންދެން ތިބޭނީ އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ގާކޮށި ފްލެޓްގައެވެ. ތަޅާލި ގެތަކާއި މެދު ޢަމަލުކުރާނެ ގޮތާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން ދަނީ ކުރަމުންވެވެ.

އަލިފާނުގެ ޙާދިސާ ހިންގިއިރު ކުއްޔަށް އުޅުނު ޢާއިލާތަކުގެ ތެރެއިން 1 ޢާއިލާ ފިޔަވައި އެހެން ހުރިހާ ޢާއިލާތައް މިހާރުވަނީ 3 މަހުގެ ކުލި ސަރުކާރުން ދައްކާގޮތަށް ތަންތަން ކުއްޔައި ހިފައި ޢާއްމު ޙާލަތަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ތެރެއިން ޑިޒާސްޓަރގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ހެންވޭރު ކަޅުހުރާގައި ދިރިއުޅެމުން އައި 4 މީހުންގެ އާއިލާއެކެވެ. މި އާއިލާއަށްވެސް އެންޑީއެމްއޭއިންވަނީ އެހެން އާއިލާތަކެކޭ އެއްފަދައިން 3 މަހުގެ ކުއްޔާއި، ކެއިން ބުއިމާއި، އަދި ފެނާއި ކަރަންޓު ފަދަ ޒަރޫރީ އެހީތަށް ދީފައެވެ. ނަމަވެސް ކުއްޔަށް ތަނެއް ނުލިބޭކަމަށްބުނެ މި އާއިލާ އަދިވެސް ތިބީ އަރަބިއްޔާ ފްލެޓްގައެވެ. މި އާއިލާ އާއްމު ޙާލަތަށް ދިރިއުޅުން ބަދަލުކުރުމަށް އެކި ފަަހަރުމަތިން އިރުޝާދު ދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ޙާދިސާގައި ސަރުކާރުންވަނީ 20 ގެއެއްގެ 115 އާއިލާއަށް އެހީދީފައެވެ. މި ގެތަކުގައި ހިފާގެގްގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ސަރުކާރުންދެނީ %20 އަށްވާ މާލީ އެހީއެވެ. އަދި ރިލީފް ފަންޑަށް ލިބުނު ފައިސާގެ %68 އާއިއެކު، ކޮންމެ ގެއަކުންވެސް ހިފާ ގެއްންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ %88 މިހާރުވަނީ ކަވަރވެފައެވެ. ރިލީފް ފަންޑުން އިމާރާތަށް ލިބުނު ގެއްލުމަށް އެހީ ދީފައިވަނީ ގެއްލުމުގެ ބޮޑު ކުޑަ މިނަށް ބަލައެވެ.

ގެއްލުން ލިބުނު ގެތަކުގެ ތެރޭގައި އިންޝުއަރެކްސްކޮށްފައިވާ 4 ގެ ހިމެނެއެވެ. މި ގެތަކުގެ މާލީ ކަންކަން ހަމަޖައްސާނީ އިންޝުއަރެންސް ކުންފުނިންނެވެ. ނަމަވެސް މިގެތަކަށް ސަރުކާރުންވަނީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލު ދީފައެވެ. އަލިފާނުގެ ޙާދިސާގެ ލިބުނު ގެއްލުން 8 މިލިއަނަށް އަރައެވެ.