ވިޔަފާރި

ޗުއްޓީއާ ދިމާކޮށް ގެސްޓްހައުސްތައް ފުރިއްޖެ


ކޮންމެ އަހަރެއްގެވެސް އަހަރު ނިމުމާއި ކައިރިވެގެން އަންނައިރު ފަތުރުވެރިކަމުގެ ސިނާއަތަށް އޮންނަނީ ބޮޑު އީދެއް އައިސްފައެވެ. މިއީ އަބަދުވެސް ފަތުރުވެރިކަން އެންމެ ރަނގަޅު ދުވަސްކޮޅެވެ. ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ރިސޯޓްތައް މިހާރު ވަނީ ފުރިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓްހައުސްތަކުގެ 95 އިންސައްތަ ފުރިފައިވާކަމަށެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ގެސްޓްހައުސްތަކަށް އެންމެ ބޮޑަށް ފައިދާވާ ދުވަސްވަރުކަމަށާއި، އެގޮތުން އެންމެ ބާރުބޮޑީ މެދުރާއްޖެ ތެރެއަށްކަމަށް ކަރަމް ފާހަގަކުރެއްވިއެވެ.

މިސަރުކާރުގެ ވެރިކަމުގެ 1 އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް 96 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މީގެތެރެއިން ބޮޑުބައެއް ހިއްސާކުރަނީވެސް ގެސްޓްހައުސް ސިނާއަތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމާއެކު އާއްމު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ސީދާ ގޮތެއްގައި މަންފާ ލިބިގެންދާނެ މަގު ފަހިކޮށްދިނުމެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދޫކުރި ލޯނުގެ 86.7 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށެވެ. މި ސަރުކާރުގެ ފުރަތަމަ 1 އަހަރު ދުވަހުގެ ތެރޭގައި 90 އައު ގެސްޓްހައުސް ވަނީ ހުޅުވާފައެވެ. މި 90 ގެސްޓްހައުސްއާއިއެކު 1336 އެނދުވަނީ ފަތުރުވެރިކަމަށް އިތުރުވެފައެވެ. އަދި 518 އައު ވަޒީފާގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.