ސިއްހަތު

ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަ ކޭމްޕެއް ބާއްވަނީ


ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްސަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ މި ކޭމްޕު އޮންނާނީ ޖެނުއަރީމަހުގެ ހަތެއް އަށެއް އަދި ނުވަވަނަ ދުވަހުކަމަށެވެ.

މި ކޭމްޕުގައި ފަރުވާދޭނެ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުމާއި، ގްލައުކޯމާ، ޕްޓެރީޖިއަމް ސަރޖަރީސް، ކޮންޖަންކްޓިވަލް ފްލެޕް ޓްރާންސްޕްލާންޓް އަދި ލޮލުގެ ރެޓީނާގެ ބިލިތައް ހިމެނެއެވެ. މިއީ ހުޅުމާލޭ ހޮސްޕިޓަލާއި، ޗައިނާގެ ޖޮންގްޝަން އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ކުރިއަށްގެންދާ ކޭމްޕެއްކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން 1417 ގުޅައިގެން އެޕޮއިންޓްމަންޓުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޙާއްސަކޮށްގެން ކޭމްޕެއް ބޭއްވުމަށް ނިންމާފައިވާއިރު، އެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.