ކުޅިވަރު

ފުޓްބޯޅައިގެ ހުނަރު ރާއްޖޭގައި އެބައޮތް، ކުރިއަރުވަން މަސައްކަތްކުރަންޖެހޭ: ޓިމް ކޭހިލް


ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރުހުރި ކުދިން އެބަތިމަށާއި، އެކުދިން ފުޓްބޯޅައިގައި ކުރިއަށްގެން ދިއުމަށް މަސައްކަތްކުރަންޖެހޭކަމަށް އިނގިރޭސިވިލާތުގެ އެވަޓަންގެ ކުރީގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓިމް ކެހިލް ބުނެފިއެވެ.

ބ.އަތޮޅު އަމިއްލަފުށީގައި ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލް ނިންމާލުމަށް ފަހު ޕީއެސްއެމްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ކާހިލްބުނީ، ފުޓްބޯޅަ ކުރިއަރުވަން ރާއްޖޭގައިވެސް މަސައްކަތް ކުރާނެކަމަށާއި، އެކަމަކު ހަރުދަނާގޮތެއްގައި ކުރިއަށްގެންދާނަމަ ފުޓްބޯޅައިގެ ރަނގަޅު ޖީލެއް އުފެއްދޭނެކަމަށެވެ.

ޕްރިމިއާރ ލީގުގެ އެވަޓަން އަށް ކުޅުނު ކޭހިލް އޭނާގެ އަމިއްލަ އެކެޑަމީ "417"ގެ ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. އަމިއްލަ ފުށީގައި ކޭހިލް ހިންގާ އެކަޑެމީގައި ފުޓްބޯޅަ ކޯޗިން ފެސްޓިވަލްގައި މިއަހަރު ދައުވަތު ދީގެން ބައިވެރިކޮށްފައިވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރާސްރޫޓް ދައިވަރުންނާއި، އެލީޓް ޕްރޮގްރާމްގައި އުޅޭ ދަރިވަރުންނެވެ.

މި ކުދިން މިދިޔަ އަހަރުވެސް ވަނީ މި ކޭމްޕްގައި ބައިވެރިވެފައެވެ. މިދަރިވަރުންގެ ކުރިމަގާ، އައިސްފައިވާ ކުރިއެރުންތަކަށް ވާހަކަދައްމުން ކެހިލް ބުނީ ފުޓްބޯޅައިގެ ހުނަރާ ފެންވަރު އެބަހުރިކަމަށާ، އަދި ވަރަށް ބޮޑު ކުރިއެރުންތަކެއް މިދަރިވަރުންނަށް މިވީ އެއްއަހަރުތެރޭގައި އައިސްފައިވާކަމަށް ގަބޫލް ކުރާކަމަށެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު ކެހިލް ޗުއްޓީ ހޭދަކޮށްލުމަށް މިދިޔައަހަރު ބ.އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓައްއައިސްފެށި މިކޭޕްއަކީ ވަރަށް ކާމިޔާބު ކޭމްޕެއްކަމަށް އެރިސޯޓްގެ ޖެނެރަލް މެނޭޖަރ ޖޭޝަން ކުރޫސް ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި އެކަޑަމީ ކޭހިލްއާއިއެކު ކުރިއަށްގެންދަން ފެށުމުން ރިސޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ރިސޯޓް ވަރަށް ބޮޑަށް އިސްތިހާރުވެއްޖެކަމަށް ޖޭސަން ވިދާޅުވިއެވެ.

ކެހިލް ބުނީ ޗުއްޓީ ހޭދަކުރުމަށް އާއިލާއެކު އައިސް ފުޓްބޯޅައިން ބަޔަކަށް އެއްޗެއް ކިޔައިދިނުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި، އަދި ރާއްޖެ ކަހަލަ ރީތި ތަނެއްގައި ކުޑަކުދިންނާއެކު ހޭދަވާ ކޮންމެ ވަގުތަކީ އޭނަގެ ޗުއްޓީ އިތުރަށް ފުރިހަމަވާކަމެއްކަމަށެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރުވަރުންގެ އިތުރުން މިއަހަރު މިކޭޕްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް ނިމުނީ އާދިއްތަދުވަހެވެ. ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް މި މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދީފައިވާ ރޮބީ އެންޑަސަންއެވެ.

ރާއްޖޭގައި މި ފެށި ކޭމްޕްގެ މަސައްކަތް މަހުން މަހަށް ބަހާލައިގެން ކުރިއަށްގެންދާނެ ގޮތެއް ވަނީ ރާވައިފަ އެވެ. ރޮބީ އެންޑަސަން ބުނީ މި ކޭޕްގައި ބައިވެރިވި ކޯޗުންނަށް ފުޓްބޯޅައިގެ އާކަންތައްތަކެއް ދަސްވާނެކަމަށާއި، ކުދިންނަށް އަންނަ ކުރިއެރުން ބެލައި، އޭނާއަށް ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ގްރާސްރޫޓް ޓްރެއިނިން ކުރިއަށްގެންދާނެ ގޮތާއިމެދުވެސް އޭނާގެ ހިޔާލުތައް ހިއްސާކޮށްފައިވާނެކަމަށް އިނގިރޭސި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ރޫނީ ފަދަ މޮޅެތި ކުޅުންތެރިން ތަމްރީންކޮށް ދަނޑަށް ނެރެދިން ރޮބީ ބުންޏެވެ.

މިއަހަރު މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ 5 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެކި އުމުރުފާތަކުގެ ކުދިންގެ އިތުރުން އެކުދިންގެ ބެލެނިވެރިންނަށްވެސް މި ފެސްޓިވަލުންވަނީ ފުރުސަތުދީފައެވެ. އަމިއްލަފުށިން ބުނީ މިގޮތަށް ރޭވީ ފަތުރުވެރިންގެ ތެރޭގައިވެސް ފުޓްބޯޅައަށް ޝައުގުވެރިވާ މީހުން ތިބުމާއެކު އެމީހުންނާ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައިކަމަށެވެ.