ކުޅިވަރު

އައްޑޫ ފުޓުބޯޅަ މުބާރާތް: ބޮޑު ތަފާތަކުން ޒެފިއާ ބަލިކޮށް ރިވެރިން ކުރިއަށް ޖެހިލައިފި


ބޮޑު ތަފާތަކުން ޒެފިއާ ބަލިކޮށް އައްޑޫ ފުޓޫބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗު ކްލަބް ރިވެރިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ރިވެރިން ކާމިޔާބުކޮށްފައި ވަނީ 1-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ރިވެރިންއަށް ޖަހައިދިނީ ހަސަން އަލްފާފްއެވެ. ރިވެރިންގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނީކޮށް ޖަހައިދިނީ ޙަސަން އައިކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން މާގިނަ އިރުތަކެއްނުވެ ރިވެރިންއިންވަނީ 3 ވަނަ ލަނޑު ޖަހައި ފަރަޤު ބޮޑުކޮށްފައެވެ. މި ލަނޑު ޖެހީ މުހައްމަދު ދާނިޝްއެވެ. ޒެފިއާ ޓިީމަށް މިމެޗުގައި ޖެހުނު ހަމަ އެކަނި ލަނޑު ޖަހައިދިނީ މުހައްމަދު އާލިފްއެވެ. މެޗުގައި ރިވެރިންގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ޖަހައިދިނީ ހަސަން އަލްފާފް އަދި ރުޝާން އަހުމަދެވެ.

މެޗަށްފަހު ރިވެރިންގެ ކޯޗު ހަސަން ރަޝީދު ބުނީ، މެޗުން މޮޅުވި ކަމުގައިވިއަސް މިމެޗުގައި އެޓީމުން ބޭނުންވި ކުޅުން ނުދެއްކޭ ކަމަށެވެ. ރަޝީދު ބުނީ ބޮޑު ފުޓްބޯޅަ މުބާރާތެއް އައްޑޫގައި ނުބާއްވާތާ ގިނަ ދުވަސް ވުމުން ހުރިހާ ޓީމެއްގައި ފިޓްނަސް މައްސަލަ އެބަހުރި ކަމަށެވެ.

ޒެފިއާ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ހަބީބް ބުނީ، ޓީމުގެ ފިޓްނަސް ފެނުނީ ދަށްކޮށްކަމަށާއި، މިކަން ހައްލު ކުރުމަށް އިތުރު ޕްރެކްޓިސް ތަކެއް ބޭނުންވާކަމަށެވެ. ހަބީބް ބުނީ، މިއަދުގެ މެޗުން ބަލިވި ނަމަވެސް ކުރިއަށް ހުރި މެޗުތަކަށް އުންމީދު އެބައޮތް ކަމަށެވެ.