ޚަބަރު

ރަށުގައި ހުރެގެން ޕާސްޕޯޓަށް އެދި ހުށައެޅުމުގެ ޚިދުމަތް އިމިގްރޭޝަނުން ތަޢާރަފްކޮށްފި


ރާއްޖޭގެ ކޮންމެ ރަށަކުންވެސް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފްކޮށްފިއެވެ. "ރަށުން" މި ނަމުގައި މިއަދު ތަޢާރަފްކުރި އައު ޚިދުމަތާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ޚިދުމަތަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް، ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތެއްކަމަށެވެ. މިޚިދުމަތް ފޯރުކޮށްދޭނީ އަތޮޅު އަދި ރަށު ކައުންސިލްތަކާއި ގުޅިގެންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. ނަމަވެސް މި ޚިދުމަތް އެންމެ ފުރަތަމަ ދޭން މިއަދު ފަށާފައިވަނީ ތ.އަތޮޅުގައެވެ.

ތ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، އެއަތޮޅު ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް، ރަސްމީ ބަންދުނޫން ގަޑިތައް ނުހިމެނޭގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެކަމަށާއި، ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ޤާއިމްކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާއި ހަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

މިއަދު ތަޢާރަފް ކުރި 'ރަށުން' ޚިދުމަތް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި އަތޮޅު ތަކުގައި ފެށުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.
މިޚިދުމަތާއި ގުޅޭގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، "ރަށުން" މި ޚިދުމަތް ތަޢާރަފްކުރީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ލާމަރުކަޒީ ނިޒާމް އިސްލާހް ކުރުމުގައި ރަށު ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ސަރުކާރުގެ ވަޢުދުގައި ހިމެނޭ ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ގެނެސްދިނުމުގެ މަޤްޞަދުގައިކަމަށްވެސް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް ހަމަހަމަކަމާއިއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެއްކަމަށެވެ. އިމިގްރޭޝަނުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ރާއްޖޭގައި ގިނަ ޚިދުމަތްތަކެއް ތަޢާރަފްކުރަމުންނެވެ. އެގޮތުން ބަލިހާލަތު ހުރިގޮތުން ޕާސްޕޯޓް ހައްދަން ނުދެވޭ ފަރާތްތަކުގެ ގޭގެއަށްގޮސް ޕާސްޕޯޓް ހައްދައިދިނުމުގެ ޚިދުމަތްވެސް އިމިގްރޭޝަނުން އަންނަނީ ފޯރުކޮށްދެމުންނެވެ.