ޚަބަރު

ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


ސިނަމާލެ ބްރިޖްގެ ދަގަނޑުތަކުގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބްރިޖް ހެދި ކުންފުނިން ފަށައިފިއެވެ.

ބްރިޖް އެޅި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގް ކުންފުނިންވަނީ ދަބަރު ޖެހުން ހުއްޓުވުމަށް ބްރިޖްގެ ދަގަނޑުތަކުގައި އައު ދަވާދު ލުމުގެ މަސައްކަތް ފަށާފައެވެ. ސިނަމާލެ ބްރިޖްގެ ދަގަނޑުތަކުގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީ ޒޮންގް ވަނީ ބްރިޖްގެ މެއިންޓެނެންސް މަސައްކަތް ތާވަލުކުރެވިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ހިނގަމުންދާކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ ބްރިޖް އިމާރަތްކުރުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ބްރިޖް މެއިންޓެއިންކުރުމަށް 2 އަހަރުދުވަހަށް ހަވާލުވެފައިވާއިރު، މި މުއްދަތުގައި މި މަސައްކަތް އިޚުލާސްތެރިކަމާއިއެކު ކުރާނެކަމަށް ވިދާޅުވެފައެވެ. ބްރިޖްގެ މެއިންޓަނެންސް މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ، ބްރިޖްގެ ދަނގަޑުގައި ދަބަރު ޖަހާލެއް އަވަސްވުންކަން ފާހަގަކުރައްވައި ޗައިނާގެ އެމްބެސެޑަރ ވިދާޅުވީ، ސިނަމާލެ ބްރިޖްގެ ދަގަނޑުތަކުގައި ދަބަރު ނުޖަހާނެކަމަށް ބެލެވޭ ޒަމާނީ ދަވާދު ދަގަނޑުތަކުގައި ލުމުގެ މަސައްކަތް ފަށާފައުވާކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން ޗައިނާގެ ޝިއަމަން ޔުނިވަރސިޓީގެ ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި ތައްޔާރުކުރި މި ދަވާދު ލުމުގެ މަސައްކަތް ބްރިޖް އިމާރަތްކުރި ސީސީސީސީ ކުންފުނިން ވަނީ ފަށާފައެވެ. އެގޮތުން މި ދަވާދަކީ "އެންޓި ކޮރޯޝަން ކޯޓިން"އެއް އެކުލެވޭ ދަވާދެއްކަމަށް ޗައިނާ އެމްބަސީއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އެމްބެސެޑަރގެ ޓުވީޓް

ސިނަމާލެ ބްރިޖް ދަގަނޑުތަކުގައި ދަބަރު ނުޖަހާނެހެން ބެހެއްޓުމަށް މެއިންޓެނެންސް މަސައްކަތް ފަށާފައިވާއިރު، ސިނާމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރިއިރު އެސަރަހައްދިގެ މޫދަށް އެޅިފައިވާ ކޮންކްރީޓާއި، ދަނގަނޑުފަދަ ކުނި މޫދުން ނަގައި، އެސަރަޙައްދުގެ މޫދާއި ކަނޑުގެ އަޑި ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ސިނަމާލޭ ބްރިޖު މަޝްރޫޢު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާތީ ޕްލޭނިން މިނިސްޓްރީން 8 ލައްކަ ރުފިޔާއިން ވަނީ ޖުރިމަނާކޮށްފައެވެ.