ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާ އެމަނިކުފާނަށް އިތުބާރުއޮތްކަން ރައްޔިތުންގެ މަޖިިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
މިމަހުގެ 25 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދިނުމުގައި އަމަލުކުރާ އުސޫލާގުޅޭގޮތުން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ފާޑުކިޔުން މިނިސްޓަރަށް އަމާޒުވެފައިވަނިކޮށް ރައީސް ނަޝީދު މިއަދު ކުރެއްވި ޓޫވީޓެއްގައިވަނީ މިނިސްޓަރ އަލީ ވަހީދުގެ ދިފާއުގައި ވަހަކަފުޅުދައްކަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ އެމްޑީޕީގެ ޗެއަރ ޕާސަންކަމަށާއި، އެމަނިކުފާނަށް އެޕާޓީގެ ސިޔާސަތުތައް ސާފުވާނެކަމަށެވެ.
އެގޮތުން މި ވޭތުވެދިޔަ އެއް އަހަރުގެތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހެޔޮބަދަލުތަލެއް އަންނަން ފަށާފައިވާކަން ރައީސް ނަޝީދުވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ޓްވީޓުގައި މިނިމަމް ވޭވް އަދި ސަރވިސްޗާޖްގެ މައްސަލަ ހައްލުކުރެވޭނެކަން ހާމަކުރައްވައި ތޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް އިތުބާރުއޮތްކަން ވާނީ ހާމަކުރައްވާފައެވެ.
ސަރވިސް ޗާޖާއު ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ހެދި ދިރާސާތަކުންނާއި އެ މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށް މިނިސްޓަރ އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް މިނިސްޓަރ އަލީ ވަހީދު ވަނީ ސާވިސް ޗާޖާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ މަފްހޫމް އޮޅޭ ގޮތަށް ޚަބަރު ފެތުރާފައިވާކަމަށް ވިދާޅުވެ އަކަމާމެދު ނުތަނަވަސްކަމެއްވާނަމަ މަޢާފަށް އެދޭކަން ހާމަކުރައްވާފައެވެ.
އެގޮތުން ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާތަކުން ހާމަކުރި ޚަބަރުތަކުން އެއްވެސް ބައެއްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގަންވާކަމުގައި މިނިސްޓަރ އަލީވަހީދު ކުރެއްވި ޓުވީޓެއްގައިވަނީ ހާމަކުރައްވާފައެވެ.
ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ މަސައްކަތާއި ވަޒީފާގެ ފުރުޞަތުތައް ޢާއްމުކޮށް އިތުރުކުރުމާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހިންގުމުގެ ދާއިރާގަ އާއި ފަންނީ މަޤާމުތަކުގައި ދިވެހިން ހިމެނޭ މިންވަރު އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްޤު މިންވަރު ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކެވެ.